މީގެ މަހެއްހާ ދުވަސް ކުރިން ކުޑަ ބޯޓެއްގައި މެލޭޝިއާ އަށް ދާން ބަންގްލަދޭޝް އިން ފުރި ރޮހިންޔާ މުސްލިމުންގެ ބަޔަކު ބެހި ހާލުގައި ޖެހިގެން ރިޕޯޓު ކޮށްފައި ވަނިކޮށް، އަންޑަމަން ކަނޑުން ފެނުނު 80 މީހަކު އިންޑޮނީޝިއާ އަށް ގެންގޮސްފިއެވެ.

ހަބަރުތައް ބުނާގޮތުން، މި 80 މީހުން ފެށުނީ، ރޫޅެން ކައިރިވެފައި އޮތް ލަކުޑި ބޯޓުގަނޑެއްގައި އޮޔާ ދަނިކޮށް މަސްވެރިންނަށް ކަމަށާއި، އެމީހުން އިންޑޮނީޝިއާގެ މަސްވެރި ރަށެއް ކަަމަށް ވާ އަޗޭއަށް ގެންދިޔައީ މަސްވެރިން ކަމަށެވެ. އަދި އެ 80 މީހުންވެސް ތިބީ ކާބޯތަކެއްޗާއިި ފެން ނުލިބި ވަރަށް ހާލުދެރަވެފައި ކަަމަށް އެމީހުން ސަލާމަތް ކުރި މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މި 80 މީހުންނަކީ މީގެ މަސް ދުވަސް ކުރިން ބެހިގެން ރިޕޯޓް ކުރި 190 މީހުން ތިބި ކުޑަ ބޯޓުގެ ބައެއް ކަމެއް ނުވަތަ އެމީހުންނާ ގުޅުމެއް ނެތް އެހެން ބައެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް އެ 80 މީހުންގެ ތެރެއިން މީހަކާ ހަވާލާދީ އިންޑޮނީޝިއާގެ ފުލުހުން ބުނީ، އެއީ މީގެ މަސްދުވަސް ކުރިން އެންޑަމަން ކަނޑަށް ބެހުނު ބައެއް ކަމަށެވެ.

ކުރިން އދ ގެ އިންސާނީ އެހީއާ ބެހޭ އިދާރާތަކުން ރިޕޯޓު ކޮށްފައި ވަނީ 160 އާއި 200 އާ ދެމެދުގެ އަދަދެއްގެ މީހުން އެ ކަނޑަށް ބެހުނު ކަމަށެވެ. ނަމަވެސް އިންޑިއާގެ ނޫސް އިދާރާތަކުން އޭރު ރިޕޯޓް ކުރީ ބެހުނީ 200 މީހުން ކަމަށެވެ. އެ ބޯޓުގައި ދަތުރު ކުރި މީހުންގެ ސީދާ އަދަދު ސާފު ނުވާ އިރު، އޭގެ ތެރެއިން 20 މީހަކު މަރުވެފައި ވާ ކަމަށް ބެލެވޭ ކަމުގައި އދ ގެ އިދާރާއިން ބުނެއެވެ. އަދި އެ ބޯޓު ބެހިގެން އެހީއަށް އެދުނު އިރު އެހީވުމަށް ކައިރި ގައުމުތަކަށް އދ އިން ގޮވާވެސް ލިޔެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ފުރި އެ ބޯޓު ބެހިފައި ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު ތައިލޭންޑާއި، މެލެޝިއާ، އިންޑިއާ އަދި އިންޑޮނޭޝިއާ ގުޅޭ ކަނޑަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރި ނަމަވެސް އެހެން ބައެއް ނޫސްތަކުން ބުނާ ގޮތުން އެ ބޯޓު ހާލުގައި ޖެހުނީ އިންޖީނު ހުއްޓި އެންޑަމަން އައިލޭންޑްސް އަދި ނިކޮބާރު އައިލެންޑްސް ކައިރިން އިންޑިއާގެ ކަނޑުގެ މެލައްކާ ކަނޑުއޮޅިއަށެވެ.

ބެހުނު ބޯޓުގެ ކެޕްޓަނާ ހަވާލާދީ އިންޑިއާގެ "ދަ ޕްރިންޓް" އިން އޭރު ބުނީ، ގުޅުނު ފޯން ކޯލުގައި ކެޕްޓަން ބުނީ "އަހަރެމެން މަރުވަނީ، ކާބޭތަކެއްޗެއް، ފެނެއް ނެތް" ކަމަށެވެ. އަދި ބޯޓުގައި ތިބި މީހުންގެ ތެރެއިން ހައިހޫނުކަމުގައި އޭރުވެސް 3 މީހަކު މަރުވެއްޖެ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓު ކުރެއެވެ.

މިހިނގާ ޑިސެމްބަރު 8 ވަނަ ދުވަހުވެސް ރޮހިންޔާ މުސްލިމުންގެ 154 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއްއް ތައިލޭންޑްގެ ކަނޑަށް ބެހިގެން ވެއިޓްނާމްގެ ތެޔޮ ޓޭންކަރަކުން އެމީހުން ވަނީ ސަލާމަތް ކޮށްފައެވެ.

އަދި މިދިޔަ އާދީއްތަ ދުވަހު 104 ރެފިއުޖީން ގޮވައިގެން ދަތުރު ކުރި ބޯޓެއްގައި ތިބި މީހުން ސްރީލަންކާގެ ނޭވީން ވަނީ ސަލާމަތް ކޮށްފައެވެ. 39 އަންހެނުންނާއި 23 ކުޑަކުދިން ތިބި އެ ބޯޓު ދަތުރު ކުރީ މިޔަންމާއިން އިންޑޮނީޝިއާއަށް ދާން ކަމަށާއި ދޭތެރެ މެދުން އިންޖީން ހުއްޓުނީ ކަމަށް ލަންކާގެ ނޭވީން ވަނީ ބުނެފައެވެ.

ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1920 އަށް ވުރެ ގިނަ ރެފިއުޖީން މިޔަންމާއާއި ބަންގްލަދޭޝްގެ ކޭމްޕްތަކުން ވަނީ ފުރާފައެވެ. އޭގެ ތެރެއިން މިހާތަނަށް ކަނޑުމަތީގެ ހާދިސާތަކުގައި 119 މީހަކު މަރުވެފައި ވާ ކަމަށް އދ ގެ އިދާރާއިން ބުނެއެވެ.

މިޔަންމާގައި ދިރިއުޅުނު ރޮހިންޔާ މުސްލިމުން މަރާ ހިންގި ގަތުލުއާންމުގައި ފިލައިގެންނާއި، ރަށުން ބޭރު ކޮށްލުމުން 700،000 އެއްހާ ރެފިއުޖީން ބަންގްލަދޭޝް އަށް ހިޖުަކުރިއެވެ.