މި މަހުގެ 10 ވަނަ ދުވަހު މެންދުރު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލާފައި ވަނީ އޭނާގެ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން ކަމަށް ޕޯސްޓްމޯޓަމް އިން ދައްކައިފިއެވެ.

ޕޯސްޓްމޯޓަމަށް ފަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނެސް މިއަދު ވަޅުލާފައި ވާ އިރު، ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ފޮނުވީ މަރުވިތާ 11 ދުވަސް ފަހުން މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އދ. ފެންފުށި ރޯސީވިލާ އަބޫބަކުރު ފައިސަލް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާއި ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައި ވަނިކޮށް ފައިސަލް ވަނީ ދަންޖެހިފައެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ހާލުދެރަވެ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ 19 ވަނަ ދުވަހު ފައިސަލް ވެސް ވަނީ މަރުވެފައެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރުވެފައި އޮއްވާ ފެނުމާއެކު އޭނާގެ ފިރިމީހާ ފައިސަލް އަށް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ.

އެގޮތުން ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އެ ދެމަފިރިންގެ ދޭތެރޭގައި ޖެހުނު މައްސަލައަކަށް ފަހު އެ ދެމަފިރިން ދިރިއުޅެމުން ދިޔަ ކޮޓަރީގެ ތެރެއިން ކަމަށާއި އެ ވަގުތު ނިޝާމާގެ 3 ކުދިން ތިބީ ގޭ ތެރޭގައި ކުޅެން ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން "ދަ ޕްރެސް" އަށް ވަނީ ކިޔައިދީފައެވެ.

އޭނާ ބުނީ ދެމަފިރިންގެ ދެމެފުގައި ޖެހުނު މައްސަލައަކަށް ފަހު ފައިސަލް ނިކުމެގެން ދަމުން އޭނާގެ ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދާ ކަމަށް ގޭގައި ތިބި އެހެން މީހުން ގާތުގައި ބުނެފައި ވާ ކަމަށެވެ.

އަދި އެ ދެމަފިރިންގެ ކުޑަދަރިފުޅު މަންމަ ހޯދަން ރޯތީ ނިޝާމާގެ ކޮއްކޮ އެ ކޮޓަރީގެ ދޮރު ހުޅުވަން ތަޅުގައި ހިފިއިރު ދޮރު ތަޅުލާފައި ހުރުމުން ޓަކި ޖަހާ ޖަހާވެސް ހަބަރެއް ނުވި ކަމަށާއި ރައްޓެއްްސަކާ ދެމީހުން ވެގެން ތަޅު ހަލާކުކޮށް ދޮރު ހުޅުވީ ކަމަށް އެ މީހާ ވަނީ ކިޔައިދީފައެވެ.

އޭރު އެމީހުންނަށް ފެންނަން އޮތީ ފުރާނަ ނެތް ނިޝާމަގެ މަސްގަނޑު ކަމަށްވެސް މައުލޫމާތު ދިން މަސްދަރުން ވަނީ ބުނެފައެވެ.

ނިޝާމާ މަރުވި އިރު އޭނާ ކުޑަ 3 ކުދިން ދުނިޔޭގައި އެބަތިއްބެވެ.