ޗައިނާގެ އަތް ދަށުން މިނިވަން ނުވެވި އޮތް ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަން ޗައިނާގެ އަސްކަރީ 39 ޖެޓަށް ހުރަސް އަޅާ ފައްސާލައިފި ކަމަށް ޓައިވާނުން ބުނެއެވެ.

ޓައިވާނުން ބުނީ، އެގައުމުގެ ދެކުނުން ކަނޑައަޅާފައި އޮންނަ ސަމަލާތީ ޒޯން "އެޑީޒް" އަށް ޗައިނާގެ އަސްކަރީ ބޯޓުތައް ވަންނަތާ 2 އަހަރު ވެއްޖެ ކަމަށާއި މިފަހަރު ވަދެފައި ވަނީ 21 ފައިޓަރު ޖެޓާއި ބޮން އަޅާ އެޗް 6 މަރުކާގެ 4 ބޯޓާއި އާލީ ވޯނިން (ކުރިން އިންޒާރު ދޭ) އެންޓި ސަބްމެރިން އަކާއި މަތީގައި އޮވެގެން ތޮޔޮ އަޅާ ބޯޓެެކެވެ.

މި ބޯޓުތައް މިސަރަހައްދަށް ވަނުމުން ފައްސާލިކަމަށް ޓައިވާނުން ބުނި އިރު، ޗައިނާ އާއި ރަޝިއާ ގުޅިގެން އެ ކަނޑުގައި އަސްކަރީ ފަރިތަކުރުންތަކެއް ކުރިއަށް އެބަގެންދެއެވެ. އަދި އެފަރިތަކުންތަކުގައި މި ބޯޓުތަކާއި އަސްކަރީ މަނަވަރުތައް ބޭނުން ކުރާ ކަމަށް މީގެ ކުރިން ވަނީ ހަބަރުފަތުރާ ވަސީލަތްތަކުން ހާމަ ކޮށްފައެވެ.

ޓައިވާނުން ބުނާ ގޮތުގައި، މީގެ ތެރެއިން ގިނަ ބޯޓު އުދުހިފައި ވަނީ ޓައިވާނުގެ ދެކުނުގައި އޮންނަ ބާޝީ ޗެނަލުން ކަމަށާއި އެސަރަހައްދާ ކައިރިން އަސްކަރީ މަނަރުގެ 3 މަނަވަރުވެސް ރާޑަރަށް އަރާފައި ވާ ކަމަށެވެ.

ޓައިވާނުން އިތުރަށް ބުނީ، އެ ބޯޓުތަކަށް ހުރަސް އަޅާ ފައްސާލަން ޓައިވާނުން ފޮނުވީ އެންމެ ބޯޓެއް ކަމަށާއި ކޮޅުކޮޅަށް ދުއްވާ ހުރަސް އަޅާފައި ވާ ކަމަށެވެ. އަދި މިހަފްތާގައި އެ ސަރަހައްދުގައި މިސައިލް ފޮނުވުމުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދަން މިހާރު ނިންމާފައި ވާކަމަށް ވެސް ޓައިވާން ބުނެއެވެ.

ޓައިވާނަކީ ޗައިނާގެ އަތްދަށުން މިނިވަން ނުވެވި ޗައިނާގެ ކަނޑުގައި ޗައިނާއާ ދާދިގާތުގައި ވަކިން އޮންނަ ކުޑަގައުމެކެވެ. ވަކި ވެރިކަމެއް ކުރި ނަމަވެސް ހާރިޖީ ގޮތުންނާއި ދާހިލީ ގޮތުން ފުރިހަމަ މިނިވަންކަމެއް ޓައިވާނަކަށް ނުލިބެއެވެ. ޗައިނާއިން ބުނަނީ، ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި ދުވަހަކުވެސް މިނިވަން ނުވެވޭނެ ކަމަށެވެ. އަދި ޗައިނާގެ ނުުރުހުމުގައި އަމިއްލައަށް މިނިވަން ވާން އުޅޭނަމަ، ބާރުގެ ބޭނުންކޮށްގެންވެސް ޓައިވާން މައިތިރި ކުރާނެ ކަމަށެވެ.

ޓައިވާނުގެ ވައިގެ ސަރަހައްދަށް އަސްކަރީ ޖެޓްތައް ވަން މައްސަލައިގައި ޓައިވާނަށް ހީވީ، އެގައުމު ހިފަން ޗައިނާއިން އަންނަނީ ކަމަށެވެ. ޓައިވާނުގެ ހަބަރުފަތުރާ އެޖޭންސީތަކުން ހަބަރުފަތުރާފައި ހުރީވެސް އެގޮތަށެވެ. އަދި ރޮއިޓާސްގައިވެސް އެ ހަބަރު އެ މޭރުމުން ގެނެސްފައި ވާކަން ފާހަގަ ކުރެވެއެވެ.