ރާއްޖެއިން އިންގިރޭސި ވިލާތަށް އުތެރެ ކުރާ މަހުން ނަގާ ޑީއުޓީ ކަނޑާލާނެ ކަމަށް އެ ގައުމުގެ ރަހުމަތްތެރިން ބުނެފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ރަހްމަތްތެރި އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ރޭގައި ވިދާޅުވީ، ލަސްވެގެން އަންނަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެ ގައުމަށް އެތެރެ ކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށެވެ. މިއީ އުފާވެރި ހަބަރެއް ކަމަށާއި މިކަން މި ވަނީ ރާއްޖެއަށް ހެޔޮ އެދޭ އިނގިރޭސީންގެ ބުރަ މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވި އިރު، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ ކަނޑުމަހުން ނަގާ 20 ޕަސެންޓް ޓެރިފް ކުޑަކުރުމަށް ނުވަތަ އެއްކޮށް ކަނޑާލުމަށް، އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާއެކު ދިވެހި ހައިކޮމިޝަނުން މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިކަން ކާމިޔާބު ވުމާއެކު، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އިތުރަށް ތަނަވަސްވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ދިވެހި ސަރުކާރުން ވަނީ ވިލާތުގެ އިއްތިހާދުގައި ވެސް މަހުގެ ޑިއުޓީ ކަނޑާލުމަށް އެދިފައެވެ.

ރާއްޖެއިން އާންމު ގޮތެއްގައި ބޭރުކުރާ ބާވަތަކީ ކަނޑުމަހުގެ ބާވަތްތަކެވެ. ރާއްޖޭން އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް ބޭރުކުރާ ތައިލެންޑަށް ފަހު، ދެން އެންމެ ގިނައިން ބޭރުކުރަނީ ވިލާތުގެ ގައުމުތަކަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.