އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވެ، ކާބޯތަކެއްޗަށާއި ތެލުގެ އަގުތަކަށް އިންފްލޭޝަންގެ އަސަރު ކުރާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފިއެވެ.

އެ އިދާރާ އިން ނެރުނު "އާޓިކަލް ފޯ" ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން މި އަހަރު ނިމޭއިރު 10.5 ޕަސެންޓަށް، އަދި އަންނަ އަހަރު 6.6 ޕަސެންޓަށް ރާއްޖޭގެ އިގްތިސޯދު ކުރި އަރާނެއެވެ. ސަބަބެއްގެ ގޮތުގައި އެ އިދާރާ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ގޮސް، ދަތުރުފަތުރުގެ ސިނާއަތާއި އާންމު ވިޔަފާރިތައް ކުރިއަރައި ދިއުމެވެ.

ނަމަވެސް އަންނަ އަހަރު 4.3 ޕަސެންޓަށް ރާއްޖޭގެ އިންފްލޭޝަން މަތިވާނެ ކަމަށް އެ އިދާރާ އިން ލަފާކުރެއެވެ. ރާއްޖޭގެ އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށް އެ އިދާރާ އިން ލަފާކޮށްފައި ވަނީ ކާބޯތަކެއްޗާއި ތެލުގެ އަގު އިތުރުވުމާއި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އިތުރުން، ޓެކްސް ބޮޑުކުރުމުގެ ސަބަބުންނެވެ.

އައިއެމްއެފް އިން ވަނީ ރާއްޖޭގެ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ބަޖެޓް ޑެފިސިޓް ބޮޑުވަމުން ދާ ކަން ފާހަގަ ކޮށްފައެވެ. އަދި ސަރުކާރު ކުންފުނިތަކަށް ދޭ އެހީތަކުގެ ސަބަބުން ބަޖެޓް ޑެފިސިޓް އިތުރުވާނެ ކަން ވެސް އެ އިދާރާ އިން ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަށާއި ސަބްސިޑީ އަށް ގެނައި ބަދަލުތަކަށް އައިއެމްއެފުން މަރުހަބާ ކިޔާފައި ވެއެވެ.

އައިއެމްއެފުން ނެރޭ "އާޓިކަލް ފޯ" ރިޕޯޓަކީ ގައުމުތަކުގެ އިގްތިސާދީ ހާލަތު ބަޔާންކޮށް ނެރޭ ރިޕޯޓެކެވެ. އެ ރިޕޯޓު އާންމުކުރަނީ ގައުމުތަކުގެ ސަރުކާރުގެ ހުއްދައާ އެކުގައެވެ.