މާލީ އެކި ސަބަބުތަކާ ހުރެ ބަނދުރޫޓުވެފައި ވާ ލަންކާއިން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ޗައިނާ އާ އެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ރީސްޓްރަކްޗާ ކުރަން އެއްބަސް ވީ ލަންކާގެ ޗައިނާގެ ދަރަނީގެ ތެރެއިން 4.2 ބިލިއަން އެމެރިކާ ޑޮލަރެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީން ޗައިނާ އަށް ޝުކުރު އަދާކޮށް ބުނީ، ދަރަނި ރީސްޓްރަކުޗާ ކުރުމަށް އެއްބަސް ވެވިގެން ދިޔުމަކީ ވަޅުޖެހިފައި އޮތް ލަންކާގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމަށެވެ. ނަމަވެސް އެއްބަސްވި ގޮތުގެ ތަފްސީލުތަކެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ލަންކާގެ ބޭރުގެ ދަރަނި ދައްކަން އޮތް މުއްދަތު ފަހަނައަޅާ ޑިފޯލްޓް ވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭރުވެސް ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކުރެވޭތޯ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ޗައިނާއިން އެކަމަށް އެއްބަސް ނުވެ ހުށަހެޅީ ދަރަނި ދައްކަން އިތުރު ދަރަނި ދިނުމަށެވެ.

ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކުރަން މިހާރު އެއްބަސް ވެފައި ވާ އިރު ލަންކާއިން ނަގާފައި ވާ އިންޑިއާގެ ދަރަންޏާއި އެހެނިހެން ފައިނޭންޝަލް އިންސްޓްރޫމަންޓުތައް ވެސް ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ލަންކާގެ ހާލަތު ގޯސްވެ އަގުތައް އުފުލި ނުތަނަވަސްކަން ބޮޑުވެ އާންމު ރައްޔިތުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބޮޑެތި މުޒާހަރާތައް ކޮށް އޭރު އިން ގޮތަބަޔާ ރާޖަޕްކްސަގެ ސަރުކާރުވެސް ވައްޓާލާފައެވެ. އެ ހަމަނުޖެހުންގަނޑުގެ ތެރޭގައި މުޅި ސަރުކާރު އިސްތިއުފާ ދޭން މަޖުބޫރުވެގެން ދިޔަ އިރު، ތަކެތީގެ އަގުތައް އަތް ނުފޯރާ ވަރަށް އަރައިގެން ދިޔުމުގެ އިތުރުން ތެލަށް ޖެހި ގައުމު ކަނު އަނދިރި ކަމަށް ދިޔައެވެ.

އަދިވެސް ލަންކާ އެއްކޮށް ހަމައަކަށް ނޭޅޭ އިރު އައިއެމްއެފް އިން ދޭ 3 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއްގެ ދަށުން ލިބުނު ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާއާ އެކު ޓެކްސްތައް ބޮޑުކޮށް އެކިއެކި ހިދުމަތްތައް ދޭން ފަށާފައި ވީ ނަމަވެސް އަދިވެސް ލަންކާ އެއްކޮށް ނުދިއްލައެވެ. ރޭނގަޑުގެ ބައެއް ވަގުތުތަކުގައި ގިނަ މަގުތަކުގެ ލައިޓްތައް ނިއްވާލާފައި ހުންނަ އިރު ތަކެތީގެ އަގުތައް ވެސް އަދި ހުރީ މަތީގައެވެ.

އާދައިގެ ވަޒީފާތަކުގައ އުޅޭ މީހުންގެ މަހު މުސާރައަކީ ލަންކާގެ 35،000 ރުފީސް [100 އެމެރިކާ ޑޮލަރު] ކަމަށް ވާއިރު، ކަރަންޓު ބިލް 3 ގުނަ ބޮޑުވުމާއި ކައްކާ ގޭހުގެ އަގުތަކުގެ އިތުރުން އާންމު އެކިއެކި ހިދުމަތްތަކުގެ އަގުތައްވެސް ހުރީ މަތީގައެވެ.

ލަންކާގެ ބޭރުގެ ދަރަނީގެ ޖުމްލަ އަކީ 46.9 ބިލިއަން އެމެރިކާ ޑޮލަރެވެ. އޭގެ ތެރެއިން 52 ޕަސެންޓަކީ ޗައިނާގެ ދަރަންޏެވެ.

ލަންކާއަށް އައިއެމްއެފް އިން ދޭ ފައިސާގެ ތެރެއިން މިދިޔަ މަހު ދޭން އޮން 330 މިލިއަން ޑޮލަރު އަދި އޮތީ ނުދީ ހިފަހައްޓާފައެވެ. އެ ޖަމާއަތުން ފައިސާ ދޫކުރުމުގައި ލަންކާއިން އެއްބަސް ވާން ޖެހޭ ކަންތައްތަކެއް ހުރި އިރު، ފުރަތަމަ ޓްރަންޗޭ [އިންސްޓޯލްމަންޓާ] އެކު ކުރަން އެއްބަސްވި ހުރިހާ ކަމެއް ފުރިހަމަ ނުުކުރާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި މި ފެށޭ ހަފްތާގައި މެރާކޭޝްގައި އޮންނަ އައިއެމްއެފް އަދި ވޯލްޑްބޭންކުގެ އޮފިޝަލުންގެ ބައްދަލުވުމުގައި ފަހި ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް ލަންކާއިން އުންމީދު ކުރެއެވެ.

ލަންކާއިން ދަރަނި ނަގާފައި ވާ ފްރާންސް، ޖަޕާން އަދި އިންޑިއާއިން ބުނެފައި ވަނީ ޗައިނާ އާ އެކު އެއްބަސްވި ކަންކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެ ކަންކަން ސާފުވުމުން އެގައުމުތަކުގެ ދަރަނީގެ މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ލަންކާއިން ބުނީ ހުރިހާ ބައިވެރިންނާއެކު ވެސް ކުރިއަށް ދާނީ އެއްގޮތަކަށް އެއް ހަމައަކުން ކަމަށާއި އެގޮތުން ހުރިހާ ބައިވެރިންވެސް ދަރަނި 30 ޕަސެންޓަށް ކުޑަކޮށްދޭން އެދޭ ކަމަށް ބުނެފައި ވެއެވެ.

ލަންކާ އަށް އައިއެމްއެފްގެ އިތުރުން ވޯލްޑްބޭންކުން ވެސް ވަނީ 600 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.