ޓްވިޓާގެ ސީއީއޯ ކަމުން ބިލިއަނަރު އިލޮން މަސްކް އިސްތިއުފާ ދޭން ވީތޯ އަހާ އޭނާ ނެގި ޕޮލްގެ ނަތީޖާއިން އޭނާ ވަކިވާން ވީ ކަމަށް ގިނަ ބަޔަކު ބުނުމާއެކު، އެ މަގާމަށް ގަމާރު ސީއީއޯއެއް އޭނާ ހޯދަން ފަށައިފިއެވެ.

މީގެ ކުރިން އޭނާ ނެގި ހުރިހާ ޕޮލް އެއްގެ ނަތީޖާ އާ އެއްގޮތަށް އޭނާ އަމަލު ކޮށްފައި ވާ އިރު، ސީއީއޯކަމުން ވަކިވާންވެސް އޭނާ ބުނެފައި ވަނީ އެ ޕޮލްގެ ނަތީޖާއަށް އިހުތިރާމްކޮށް އަމަލު ކުރާނެ ކަމަށެވެ. އޭނާގެ 122 މިލިއަން ފޮލޯވަރުންނަށް އަމާޒު ކޮށް ހުޅުވާލި ޕޮލްއަށް ވޯޓު ދިން 17.5 މިލިއަން މީހުންގެ ތެރެއިން 57.5 ޕަސެންތް މީހުން ބުނީ ސީއީއޯ ކަމުން މަސްކް އިސްތިއުފާ ދިނުމަށެވެ.

އެއާއެކު އޭނާ ކުރި ދެވަނަ ޕޯސްޓެއްގައި ބުނީ، ސީއީއޯ ކަމާ ހަވާލުވާނެ ފޫލިޝް (ގަމާރު) މީހަކު ލިބުމުން އޭނާ އެމާގާމުން ވަކިވާނެ ކަމަށާއި ދެން އޭނާ ބަލަހައްޓާނީ ސާވާ ތަކާއި ސޮފްޓެވެއާ ޓީމު ކަމަށެވެ.

އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.

މިދިޔަ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ޓްވިތާ ގަތުމަށް ފަހު މަސްކް ވަނީ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބި އެންމެން ވަކިކޮށްފައެވެ. އޭގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއިން ވަކިވެއް ކުރިއެވެ. ދެން ގެނައި އަނެއް ބަދަލަކީ ޓްވިޓާ ވެރިފިކޭޝަން ބްލޫ ބެޖަށް މަހަކު 8 ޑޮލަރު ދައްކަން ޖެހޭ ބަދަލެވެ. މިބަދަލާއެކު ގިނަ އަދަދެއްގެ ފޭކް އެކައުންޓްތަކުން ވެރިފިކެޝަން ގަންނަން ފެށުމުން، އެ ހިދުމަތް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ފަހު މިހާރު އަލުން ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކާއި އެމެރިކާއަށް އެ ހިދުމަތް އަލުން ހުޅުވާލާފައެވެ.

ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ކުންފުންޏަށް އޭނާ ގެނައި ކުއްލި ބައެއް ބަދަލުތަކާއި ހޭތް ސްޕީޗް ނުވަތަ ނަފްރަތު އުފެއްދުމަށް ކުރާ ޓްވީޓް ތަކަށް ޖާގަ ނުދޭނެ ކަމަށް މަސްކު ބުނެ ހިންގަމުން ދިޔަ ކެމްޕެއިނަށް ގިނަބައެއްގެ ފާޑުކިޔުން މިހާރުވެސް އަމާޒުވަމުން ދާ އިރު، އޭނާގެ އެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު އައީ ރުޅި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން، މަސްކް އާއި ޓްވިޓާގެ ކަންކަން ގާތުން ބަލައި ފޮލޯ ކުރާ ބައެއް ނޫސްވެރިންގެ އެކައުންޓް ބްލޮކް ކުރި މައްސަލައިގައިވެސް މަސްކް ވަނީ ހޫނުފެނަށް ވެއްޓިފައެވެ. އދ އާއި އީޔޫއިން މަސްކް އާ ދޭތެރޭ ހިތްހަމަ ނުޖެހި ބަޔާންތައް ނެރުނު އިރު މަސްކް އަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އީޔޫއިން އިންޒާރުވެސް ކުރިއެވެ.

ޓްވިޓާގެ ސީއީއޯ ކަމުން މަސްކް އިސްތިއުފާ ދޭން ނިންމާފައި ވާ އިރު، އެ މަގާމަށް މަސްކް ހޮވާނެ ކަމަށް ކަމަށް އާންމުން ފާހަގަ ކުރާ ބައެއް ނަންތަކަކީ ޓްވިޓާގެ ކޯ ފައުންޑަރު ޖެކް ޑޯސޭއާއި ފޭސްބްކްގެ ކުރީގެ ސީފް އެޕަރޭޓިން އޮފިސަރު ޝެރީލް ސޭންޑްބާގް އާއި މަސްކް އާ ގާތް ގުޅުމެއް އޮންނަ ފޭސްބްކްގެ އިންޖިނިއަރު ސްރީރާމް ކްރިޝްނަން އާއި އެމެރިކާގެ ކުރީގެ ރައީސް ޑޮލާންޑް ޓްރަމްޕްގެ އެޑްވައިޒަރު އަދި ދަނބިދަރި ޖެރެޑް ކުޝްނާ ހިމެނެއެވެ.

ނަމަވެސް މަސްކް މިއަދާ ހަމައަށް ބުނެފައި ވަނީ ޓްވިޓާގެ ސީއީއޯ ކަމާ ހަވާލުވެ މުޅި ޓްވިޓާ ހިންގާލެވޭ ވަރުގެ މީހަކު އަދި ނުލިބޭ ކަމަށެވެ.