އިލެކްޝަންސް ކޮމިޝަންގެ ސެކިއުރިޓީ ރޫމަކާއި ގުދަނެއް ފަޅާލައި ވައްކަން ކުރި ދެ ހާދިސާއަށް ފަހު އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ ސެކިއުރިޓީ ރޫމް ފަޅާލާފައި ވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ސެކިއުރިޓީ ރޫމް ފަލާލި އިރު، އެ ތަނުގައި އިންތިހާބަކާ ގުޅުން ހުރި ލިޔެކިޔުމެއް އަދި އިންތިހާބާ ގުޅުން ހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އީސީން ބުނެއެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުންކުރި ފަސް ނެޓްބުކް ގެއްލިފައިވާ ކަމަށާއި އެ ތަނުގައި ހުރި އެއްވެސް އެއްޗެއް އަލާފައި ނުވާ ބާ ތިޖޫރީއަކަށް ގެއްލުންދީފައިވާ ކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ބާ އިމާރާތުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ ގުދަނެއް ވަނީ ފަޅާލައި ވައްކަން ކޮށްފައި ކަމަށް އީސީން ބުނެއެވެ. އެތަނުން 11 ޔޫޕީއެސް އާއި 65 އިންޗީގެ ދެ ތީވީއާއި 2 ސްޕީކަރު ސެޓާއި، 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑު ވަނީ ވަގަށް ގެންގޮސްފައި ކަމަށް އީސީން ބުނެއެވެ.
މި ދެ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައި ކަމަށާއި އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް އީސީން ބުނެއެވެ. އަދި މި ދެ ހާދިސާ އާ ގުޅިގެން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކަށް އެެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް އީސީން ބުނެއެވެ.
މި ދެ ހާދިސާ އާ ގުޅިގެން ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް އަލާން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އީސީން ބުނެއެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ކޮމިޝަންގެ މަސައްކަތްތައް ހިންގާ އިމާރާތްތަކުގެ ސެކިއުރިޓީ ކަންކަން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އީސީން ބުނެއެވެ.