އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އޭނާ އަށް 1.1 މިލިއަން ރުފިޔާ ދޭން ކޮށްފައިވާ ހުކުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

2019 ގައި މަގާމުން ވަކިކުރި މުސްއަބަށް ބަދަލު ދޭން ހައިކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގައެވެ. ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ނިމެންދެން ހައިކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކޮށްދިނުމަށެވެ.

އެހެންވެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ ކޯޓުން ގޮތެއް ނުނިންމަނީސް ހުކުމް ތަންފީޒުކޮށްފި ނަމަ އިންސާފު ގާއިމްކުރަން ހުރަސް އެޅޭނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންވެ މައްސަލަ ނިމެންދެން ހައިކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރަން އެންގީ ކަމަށެވެ.

އެ އަމުރު ނެރުއްވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިއްތިފާގުންނެވެ.