15 ރަށެއްގެ ކޯޓުތަކަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައި ވަނީ އުތުރުގެ ހަ ރަށަކަށާއި، މެދުރާއްޖެތެރޭގެ ފަސް ރަށަކަށާއި، ދެކުނުގެ ހަތަރު ރަށަކަށެވެ. އެ ރަށްރަށަކީ:

އުތުރު:

  • ހދ. ނޮޅިވަރަން
  • ށ. ކޮމަންޑޫ
  • ނ. ވެލިދޫ
  • ބ. ދަރަވަންދޫ
  • ބ. ގޮއިދޫ
  • ޅ. ހިންނަވަރު

މެދުރާއްޖެތެރެ:

  • ކ. ކާށިދޫ
  • އއ. މާޅޮސް
  • ވ. ފުލިދޫ
  • މ. މުލައް
  • ފ. ފީއަލި

ދެކުނު:

  • ގއ. ދާންދޫ
  • ގއ. ގެމަނަފުށި
  • ގދ. ފަރެސްމާތޮޑާ
  • ގދ. ރަތަފަންދޫ

ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ މަހަކު 21 ހާސް ރުފިޔާއެވެ.

އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ މީހާ އަކީ އިިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ޝަރީއާގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށް، ގާނޫނީ ދާއިރާގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

ހަމަ އެއާއެކު އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެއެވެ. އަދި އޭނާ އަކީ ވޭތުވެދިޔަ ހަތް އަހަރުގެ މުއްދަތުގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމަށް ވެގެނެއް ވެސް ނުވާނެއެވެ.

އެހެންކަމުން، އިސްމެޖިސްޓްރޭޓް ކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 30 ގެ މެންދުރު 12 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް އެ ކޮމިޝަނުން އެދެއެވެ.