ޖަޕާނު ސަރުކާރުން ރާއްޖެއަށް 5.1 މިލިއަން ޑޮލަރު (80 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ.
މި އެހީގެ މަގުސަދަކީ ރާއްޖޭގައި ކުނި ނަގައި އަދި އެއްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފައެވެ.
މި އެހީގެ ދަށުން ވޭސްޓް ގްލާސް ކްރަޝާ، ވޭސްޓް ކޭން / ޕްލާސްޓިކް ކޮމްޕްރެސާ، ލައިޓް ވެއިޓް ޓްރަކް، ވީލް ލޯޑާ، އަދި ކޮމްޕެކްޓާ ޓްރަކް ފަދަ ވަސީލަތްތައް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 90 އަށް ވުރެ ގިނަ ރަށުގައި ރަނގަޅަށް ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރެވި، އެއްކުރާ ކުނި މެނޭޖުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
މި އެހީ ރާއްޖެއާ ހަވާލުކުރުމުގެ އެއްބަސްވުން ހެދީ، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކެއީ ޝުންސްކޭ މިހާރު ރާއްޖެ އަށް ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިންނެވެ.
އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓާކޭ ޝުންސުކޭއެވެ.