އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާ ގުޅުވާ 58 ނަސީބުވެރި ފަރާތްތަކެއް ހޮވައި އިނާމު ލިބޭ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ، މާދަމާ އަކީ އެ ކުންފުނީގެ 58 ވަނަ އަހަރީ ދުވަސް ކަމަށާއި އެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާ ހާއްސަ ސޭލެއް އަޅުވަންނ ނިންމާފައިވާ ކަމަށާއި އަދި ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕެއިނެއްް ވެސް ހިންގަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން އެއް ދުވަހުގެ ސޭލެއް މާދަމާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އެ ސޭލް ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައެވެ. އެއް ދުވަހުގެ ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކޫޕަން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 58 ފަރާތަކަށް ގިފްޓް ހެމްޕާއެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސޯޝަލް މީޑިޔާ ކެމްޕެއިނަކީ މާދަމާއިން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އިންސްޓަގްރާމް މެދުވެރިކޮށް ހިންގާ މި ހަރަކާތަކީ އެސްޓީއޯ އާއި 'ސޯސަލް' ގުޅިގެން ހިންގާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކެމްޕެއިންގައި އެސްޓީއޯއާ ބެހޭ ގޮތުން ޖުމްލަ 5 ސުވާލެއް ކުރާނެއެވެ. ކޮންމެ ދުވަހަކު 1 ސުވާލު ކުރަން ނިންމާފައިވާ އިރު އެ 5 ސުވާލަށް ރަނގަޅު ޖަވާބު ދީގެން އެސްޓީއޯގެ ފަރާތުން ދޭ ގިފްޓު ހެމްޕާ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށް ފަހު ކޮންމެ ދުވަހަކު ވެސް ކުރާ ސުވާލުގެ ޕޯސްޓުގެ ކޮމެންޓުގައި ޖަވާބު ލިޔެފައި ފޮނުވުމަށް އެސްޓީއޯއިން ބުނެއެވެ. އަދި 5 ސުވާލަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން 58 ލަކީ ވިނާސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ވެސް އެ ކުންފުނިން ވަނީ ހާއްސަ ސޭލެއް އަޅުވާފައެވެ. އެއްދުވަހުގެ އެ ސޭލްއަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.