ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގުޅިފަޅުގައި އެފްކޮންސްގެ މުވައްޒަފުން ތިބި އެކޮމަޑޭޝަންގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސައިޓުން ފެނުނީ ކާކުގެ ހަށިގަނޑުގެ ބައްތަކެއް ކަން ޔަގީން ކުރެވޭނީ ޑީއެންއޭ ހަދައިގެން ކަމަށް އެފްކޮންސް އިން ބުނެފިއެވެ.

ގުޅިފަޅުގައި އެފްކޮންސްގެ މުވައްޒަފުން ތިބި އެކޮމަޑޭޝަންގައި އަލިފާނުގެ ހަދިސާއެއް ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ އަލިފާނުގެ ހާދިސާއަށް ފަހު އެތަން ސާފު ކުރުމުގެ ތެރޭގައި ފުލުހުންނަށް ވަނީ އެތަނުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ ބައިތަކެއް ފެނިފައެވެ. އެ ތަކެތި ފެނުނު އިރު އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ތިބި މީހުން ހަމަތޯ ބެލި އިރު މުވައްޒަފެއް މަދުކަން ފާހަގަ ކުރެވި އޭނާ ގެއްލިގެން ވަނީ ހޯދަން ފަށާފައެވެ.

އެފްކޮންސް އިން ބުނީ، ގެއްލިގެން ހޯދަމުން ދިޔަ އެފްކޮންސްގެ މުވައްޒަފު ހޯދުމުގެ މަސައްކަތުގައި އިންސާނުންގެ ހަށިގަނޑެއްގެ ބައިތައް ކަމަށް ބެލެވޭ ކަށިތަކެއް ފުލުހުންނަށް ފެނިފައިވާ އިރު، އެމީހާގެ އައިޑެންޓިޓީ އެނގޭނީ ޑީއެންއޭ ޓެސްޓެއް ހެދުމަށް ފަހުގައި ކަމަށެވެ. އަދި ގެއްލުނު މަސައްކަތު މީހާގެ އާއިލާއާ އަބަދުވެސް ގުޅައި، އެ އާއިލާއަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެފްކޮންސް އިން ބުނެއެވެ. މި ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެ އެކަކު ގެއްލިފައިވާ އިރު އެފްކޮންސް އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނާއި، މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ، ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ހަލާކުވުމާ ގުޅިގެން މިހާރު އެތަން ވަނީ އާންމު ހާލަތަށް ގެނެސްފައި ކަމަށް އެފްކޮންސް އިން ބުނެއެވެ. އަލިފާނުގެ ހާދިސާއިން ހިތްވަރު ގަދަކަމާ އެކު ސަލާމަތްވި 457 އެއްހާ މަސައްކަތްތެރިން އެ ފެސިލިޓީގައި ތިބި އިރު، އެ އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވީ ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް އެފްކޮންސްއިން ބުނެއެވެ. އަދި އެ އަލިފަނުގެ ހާދިސާއިން ގެއްލުންވި މީހުންނަށް ވަނީ އާ އެކޮމޮޑޭޝަން ހަމަޖައްސައިދީފައި ކަމަށް ވެސް އެފްކޮންސް އިން ބުނެއެވެ.

އެގޮތުން ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންނަށް ފޭރާމާއި ސިމްކާޑާއި ސޫޓްކޭސް އަދި ޖީބަށް ކުރަންޖެހޭ ހަރަދުތައް ފޯރުކޮށްދިނުން ފަދަ ފިޔަވަޅުތައް މިހާރުން މިހާރަށް ވަނީ އަޅާފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ހާދިސާ ހިނގި އެކޮމަޑޭޝަންގައި އެ ވަގުތު ތިބި 78 މުވައްޒަފަކަށް ވަނީ އަލިފާނުގެ ސަބަބުން އަނިޔާ ލިބިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެތެރެއިން 24 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ހަމައެއާއެކު އަނިޔާވި މީހުންގެ ތެރެއިން 24 މީހަކަށް ވަނީ ފިހިގެން ލިބިފައިވާ ކުދި އަނިޔާތަކަށް ފަރުވާ ދީފައެވެ. އަދި 4 މީހަކު އޮޕަރޭޝަން ކޮށްފައިވާ އިރު، އަނިޔާ ލިބުނު އިތުރު މީހުންނަށް ވަނީ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.