ފެމިލީ ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް އެ މުއްދަތުގައި ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނީ، މި މަހު 16 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އެކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. ރިސެސްގެ މުއްދަތުގެ ތެރޭގައި އެ ކޯޓުން ބަލާ މައްސަލަތަކުގެ ޝަރީއަތްތައް ހިންގުން މަދުކުރެވޭނެ ކަމަށް އެކޯޓުން ބުނެއެވެ.

ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކައިވެނިތައް ކޮށްދިނުމާއި އެ ނޫން ވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް އެ މުއްދަތުގައި މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

އެ ކޯޓު ރިސެސްއަށް ދާ މި މުއްދަތުގައި ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.