މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫ ނޫވިލު، އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި ޝަފައީ ހެކިތަކުން ޝަނޫނުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތު ކަމަށާއި ސިފާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

މިއީ ގަސްތުގައި މީހަކު މެރުމުގެ މައްސަލައަކަށް ވުމުން، އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ނަގައި، ވާރިސުން އެދޭ ގޮތަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް ވާރިސުން ހާޒިރުވެފައެއް ނުވެއެވެ. އެ ކަމަށް ފަސް ދުވަހުގެ މުއްދަތެއް ދައުލަތަށް ގާޒީ އެރުވިއެވެ.

މީގެ އިތުރުން ޝަނޫންގެ މައްޗަށް އުފުލާފައިވާ ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ވެސް ސާބިތުވާތީ އެ ހުކުމް ވެސް ދެން އޮންނަ އަޑުއެހުމެއްގައި އިއްވާނެ ކަމަށް ގާޒީ ޝަފީއު ވިދާޅުވިއެވެ.