އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް އިއުލާނު ކުރި ގޮތާމެދު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ މަހުގެ 28 ވާ ހޮނިހިރު ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަން އިއުލާން ކޮށްފައެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން އެމްޑީޕީން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރައިމަރީއަށް އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތި ލައްވާނެކަން އިއުލާނު ކުރައްވާފައި ވަނިކޮށް، އެމަނިކުފާނު ރަށުގައި ވަޑައިގެން ނޫޅުއްވަނީސް ޕްރައިމަރީ އަށް ކުރިމަތިލުމަށް ދިނީ އެންމެ 5 ދުވަހުގެ މުއްދަތެއް ކަމަށެވެ.

ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަގަޅެއް ނުވާނެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.

މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ކަމަށް ބުނެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުންނެވެ.

ޔާމީންގެ އިތުރުން، އެމްއެންޕީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނުކުރައްވައިފައެވެ.