ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ ފަހުން ބޭއްވުމަށް މަޖިލީހުން ފާސްކުރި ބިލް ވަގުތުން ތަސްދީގު ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތްތައް ބަލައިގެން ކަމަށެވެ. އަދި ހަމައެހެންމެ ރައްޔިތުން ތަމްސީލު ކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ރަމަޟާން މަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ހައްގަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާން މަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ހައްގުގެ ބޭނުންކުރުމަށް." ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ޑިމޮކްރަޓްސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުންވެސް ރަމަޟާން މަހުގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވޭނެ ޖާގަ އެބައޮތް ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެކޭ އެއްފަދައިން ރައްޔިތުންނަށް ދަތި އުނދަގޫކޮށް، ރައްޔިތުން ލައްވާ އާދޭސް ކުރުވާ، ހުދުމުހުތާރު ގޮތްތައް ކުރިއަށް ނެރެގެން ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންދާ އާޒިމް ތުހުމަތު ކުރައްވާފައިވެއެވެ.

"މިހާރު ގާނޫނު އޮތްގޮތުންވެސް ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވޭނޭ ޖާގަ އެބައޮތް. އިލެކްޝަނުން އަމަލުކުރަމުން އެގެންދަނީ ޑރ. މުއިއްޒުގެ ސަރުކާރެކޭ އެއްގޮތައް ރައްޔިތުންނަށް ދަތި އުނދަގޫކޮށް، ރައްޔިތުން ލައްވާ އާދޭސް ކުރުވާ، ހުދުމުހުތާރު ގޮތްތައް ކުރިއަށް ނެރެގެން" އާޒިމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަސް ނިމޭތާ ދިހަ ދުވަސް ފަހުން އިންތިހާބު ބާއްވަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ އިސްލާހު ހުށަހަޅާފައިވަނީ އެކަމާ ގޫޅޭ ގޮތުން އެމްޑީޕީ ޕީޖީއާއެކު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

އެ އިސްލާހު ފެންނަ ކަމަށް 46 މެންބަރަކު ވޯޓުދީފައިވާއިރު އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވަނީ ވޯޓުދީފައެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ އިސްލާހު ހުށަހަޅާފައި މިވަނީ މިއަންނަ ރޯދަ މަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވަނިކޮށެވެ. އެގޮތުން މާޗް މަހުގެ 17 ވަނަ ދުވަހު އެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު އެއީ ރޯދަ މަހުގެ 6 ވަނަ ދުވަހެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ރޯދަ މަހު އެ އިންތިހާބު ނުބޭއްވޭނެ ހަމަ އެކަނި ގޮތަކަށް އޮތް ގާނޫނުގައި ބުނާ ތާރީހުތައް ބަދަލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މީގެ ކުރިން ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނާއެކު މަޝްވަރާވެސް ކުރައްވާފައެވެ. އެހެން ނަމަވެސް އެ ތާރީހުތަކަށް ބަދަލު ގެންނަން އޭރު އެއްވެސް މެންބަރަކު ބޭނުމެއް ނުވިއެވެ.