ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އައްޔަނުކުރައްވާފައިވާ ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުމާއި ހަލާކުކުރުން ކަމަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސިފަކުރައްވައިފިއެވެ.
ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ތާވަލުކޮށްފައި އޮތީ ވަޒީރުންނަށް ރުހުންދިނުމާ މެދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް އެ ރިޕޯޓާ މެދު ގޮތެއް ކަނޑައެޅުމެވެ؛ އެއީ ވަޒީރުންނަށް ތަޅުމުން ރުހުންދިނުމެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.
ކޮޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، ހުރިހާ ވަޒީރުންގެ ޝަރުތު ހަމަވާކަމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައި، ރުހުން ނުދޭންވީ ސަބަބެއް ފާހަގަކޮށްފައި ނެތުމަކީ މަޖިލީހުގެ މެންބަރުން ވަޒީރުންނަށް ރުހުން ދެއްވަން ޖެހޭ ސަބަބެއް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް އަމަލުކުރާ އުސޫލަކީ ވަޒީރުންނަށް ރުހުންދިނުމަށް ފަހު އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ، މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމެވެ.
ޑިމޮކްރެޓުންނަށާއި އެމްޑީޕީ އަށް ފާޑުވިދާޅުވެ އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮތް ނަމަވެސް ސަރުކާރު ބަދަލުކުރަން ޖެހުނީ ރައްޔިތުންގެ އިތުބާރު ކުރީ ސަރުކާރަށް ގެއްލުމުންނެވެ.
"އެހެންވީމާ އެ ރައީސުލްޖުމްހޫރިއްޔާ އަކު ފޮނުއްވާފައިވާ ބޭފުޅުންނަށް ރުހުންނުދިނުމަކީ ގައުމު އިނދަޖައްސާލުމާއި ހަލާކުކުރުމަށް ތިޔަ ބޭފުޅުން (އިދިކޮޅުން) ކުރައްވާ މަސައްކަތް، ތިޔަ ބޭފުޅުންގެ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކުރައްވާ މަސައްކަތްކަން ޔަގީން،" ޑިމޮކްރެޓުންނާއި އެމްޑީޕީ އަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވިއެވެ.
ކޮމިޓީ ރިޕޯޓަށް ގާސިމް ބަހުސްކުރައްވަމުން ގެންދެވި ވަގުތު، ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަޑުގަދަކުރައްވައި ވާހަކަ ދެއްކެވުމުން، ގާސިމް ކޯފާ އިސްކުރެއްވިއެވެ. އަދި ފަހަތުގައި ތިއްބެވި މެންބަރުން ވެސް ވާހަކަ ދައްކަވަމުން ގެންދެވުމުން ކޯފާ އިސްކުރައްވައި، 'ގެއްލުނު ވަގުތު'ގެ ބަދަލުގައި ކުޑަ ވަގުތުކޮޅެއް ދިނުމަށް މަޖިލީހުގެ ރައީސް އަސްލަމްގެ އަރިހުން ގާސިމް އެދިވަޑައިގަތެވެ.
ވާހަކަ ކުރުކޮށްލެއްވުމުގެ ކުރިން ވެސް ގާސިމް ވިދާޅުވީ ވާހަކަ ކުރުކޮށްލައްވަން ޖެހިވަޑައިގަތީ 'އާޒިމްގެ އުނދަގުލާ ހެދި' ކަމަށެވެ.
"މި ބޮޑު އުނދަގުލަކަށް ވެއްޖެ މަޖިލީހަށް، މީނަ ވަރު މީހެއް ނެތިގެން މި އުޅެނީ، ކީއްވެގެންތަ ތި ތެޅި ބާލަނީ؟ ކަލޭ ހީކުރަނީ ކަލޭމެންނަށް އެކަނި ކަމަށްތަ ވާހަކަ ދައްކަން ތި އެނގެނީ؟" ކޯފާ އިސްކުރައްވައި ގާސިމް އާޒިމަށް ވިދާޅުވިއެވެ.