މިވަގުތު މަޖިލީހުގައި ރައްޔިތުންގެ އިތުބާރު އޮތް 10 ޕަސެންޓު މެންބަރުން ވެސް ނެތްކަމަށާއި އެހެންކަމުން މިހާރު ހިނގާ މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މަޖިލިސް އަންނަ މަހުގެ 13 އާ ހަމައަށް ދެމިއޮތް ނަމަވެސް، މިވަގުތު މަޖިލީހުގައި ރައްޔިތުންގެ އިތުބާރު އޮތް 10 ޕަސެންޓު މެންބަރުން ވެސް ނެތް ކަމަށެވެ. އެގޮތުން ގާނޫނުގައި މަޖިލިސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މުހިންމު ކަންކަން މިވަގުތު މަޖިލީހުން ނިންމުމަކީ އެންމެ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިކަމާ ގުޅިގެން ވިދާޅުވީ މަޖިލީހުން ކަންކަން ނިންމައި ފާސްކުރުމަށް މަޖިލީހުގެ ގަވައިދުގެ ތެރެއިން އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެހެންކަމުން ގަވައިދަށް ބަދަލު ނުގެންނަންހާ ހިނދަކު މަޖިލިސް ކުރިއަށް ގެންދަން މަޖިލީހުގެ ގަވައިދުގައި ލާޒިމްކުރާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 73 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުންނެވެ.