ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށްޓަކައި މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލާއި މަޖިލީހަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފިއެވެ.

ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން، އަދި ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރަކު އިންތިހާބުކުރެވެން ވާނެއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ހުށަހެޅުއްވި ބިލުގައި ވަނީ މެންބަރުން އިންތިހާބުކުރެވޭ ގޮތް ތަފްސީލުކުރައްވައި އެ މާއްދާ އަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައިވާ ގޮތުން:

  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 6،000 އާއި 12 ހާސް މީހުންނަށް 1 މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 12 ހާހާއި 18 ހާސް މީހުންނަށް ދެ މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 18 ހާހާއި 24 ހާސް މީހުންނަށް ތިން މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 24 ހާހާއި 36 ހާސް މީހުންނަށް ހަތަރު މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36 ހާސް މީހުންނަށް ވުރެ ގިނަ ނަމަ ފަސް މެންބަރުން

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން 1 ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކުރަން ލާޒިމްކުރުމަށާއި، އެކަން ފުރިހަމަކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާ ބެހޭ ގަވައިދުގައި އެކަން ތަފްސީލުކޮށް ބަޔާންކުރަން ވާނެ ކަމަށް ވެސް، އާޒިމް ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

މި އިސްލާހުގައިވާ ގޮތުން، މި އިސްލާހު ފާސްވެއްޖެ ނަމަ އަމަލުކުރަން ފަށާނީ 21 ވަނަ މަޖިލީހުން ފެށިގެންނެވެ.

މަޖިލީހަށް މިހާރު އިންތިހާބުވާ މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ އިތުރުން ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އެހެނިހެން އިސްލާހުތައް ގެނައުމަށް މި ދައުރުގައި ހުށަހަޅާނެ ކަން މައި އިދިކޮޅު ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓުން ހާމަކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. މިގޮތުން، މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ހުށަހެޅި އިސްލާހުގެ އިތުރުން، ސަރުކާރުން އައްޔަނުކުރާ ވަޒީރުންގެ އަދަދު ކަނޑައަޅަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ވެސް ބިލެއް ވަނީ ހުށަހަޅައިފައެވެ.