ވިލިމާމެ ބްރިގްޖެ މަސައްކަތް ކުރާ މީހުން ގުޅިފަޅުގައި ތިބޭ އެކޮމަޑޭޝަން ބްލްޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 73 މީހަަކަށް އަނިޔާ ވެފައި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އަނިޔާވި މީހުންގެ ތެރެއިން 13 މީހަކު ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށާއި އަދި 60 މީހަކު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ވެފައި ނުވި ނަމަވެސް އެކަކު ކުޑަކޮށް ފިހިފައި ވާ ކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އަދި ބާކީ މީހުންނަށް އަނިޔާވެފައި ވަނީ އަލިފާނުން ސަލާމަތް ވުމަށް އެމީހުން ތިބި އިމާރާތުން ބޭރަށް ފުންމާލުން ފަދަ ކަންތައްތައް ކުރުމުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ހާދިސާގައި އަނިޔާވި މީހުންނާ ގާތުން ބައްދަލުވި ފަރާތަކުން ބުނީ، ބައެއް މީހުންގެ އެކި ތަންތަން ބިންދައިގެން ގޮސްފައި ވާ ކަމަށާއި ކޮޅަށް ނުތިބެވޭ މީހުންވެސް ތިބި ކަމަށެވެ. ނަމަވެސް އަނިޔާގެ ކުޑަބޮޑުމިން އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި އެކޮމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅުނު އިރު މިއީ މާލެ އާއި ވިލިމާލެ ގުޅާ އަޅާ ބްރިޖްގެ މަސައްކަތް ކުރާ މީހުންނެވެ.
ރޭ ހިނގި މި ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާ ހުލިވެފައި ވާ އިރު، ހާދިސާ ހިނގި ހިސާބުން ފެށިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން އަލިފާން ނިއްވަން ވަނީ މަސައްކަޔް ކޮށްފައެވެ. ދަންވަރު 12:30 ހާ އިރު ރޯވި އަލިފާންގަޑު ނިއްވާލެވުނީ ދަންވަރު 2 ޖަހަނިކޮށެވެ.