ޖަލުން ނުކުންނައިރު އާ މީހެއްގެ ގޮތުގައި ނުކުތުމަށް އަމިއްލައަށް ނިންމަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
އިމްރާން މިހެން ވިދާޅުވީ ކަރެކްޝަންސް އިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލައެއް ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރުމާއެކުވެސް، އަދި ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނިކުންނަ އިރުވެސް މިކަމުގެ ޗެލެންޖްތައް އިންތިހާއަށް ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށެވެ.
އިމްރާން ވިދާޅުވީ، ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެންދިޔައީ ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުން ކަމަށެވެ.
އަދި މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދެވަނަ ބެޗްގެ ކަންތައްތައް އެމްސީއެސްގެ އޮފިސަރުން މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށްވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އާ ބެޗަށް ހިތްވަރުހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ކުށެއް ކުރުމަށްފަހު އިސްލާހުވާންޖެހޭކަމަށް ގަބޫލުކޮށް ތައުބާވުމާބެހޭގޮތުން ވާހަކަދައްކަވަމުން، ތިމާ ޖަލަށް ވަން އިރު ހުރި މީހާނޫން މީހަކަށް އަދި އާ ލައިފަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުމަށް މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވަމުން އިމްރާން ނަސޭހަތްތެރިވެލެއްވިއެވެ.