އެންޓިކޮރަޕްޝަން ކޮމިޝަނުގެ އާ ޝިޔާރު "އެންމެން އެކުގައި - ކޮރަޕްޝަނާ ދެކޮޅަށް" / "ޓުގެދާ - އެގެއިންސްޓް ކޮރަޕްޝަން" އިފްތިތާހް ކޮށްފިއެވެ.

މި ޝިޔާރު އިފްތިތާހުކޮށްފައި ވަނީ މިއަދު އޮޑިޓާ ޖެނެރަލް އޮފީހުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް ކަން ކުރިން ކުރައްވާފައިވާ މުހައްމަދު ޝަފީއުއެވެ.

އޭސީސީން ބުނީ، މިއަދު އިފްތިތާހް ކުރި ޝިއާރުގެ މަގްސަދަކީ ފަސާދައާ ދެކޮޅަށް ކޮމިޝަނުން ކުރާ އުނދަގޫ ބުރަ މަސައްކަތުގައި މުޅި މުޖުތަމައު އެކަތިގަނޑަކަށް ވެ، އެކައްޗެއް ކިޔައި އެންމެން ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމަށް ބާރު އެޅުމަށް ކަމަށެވެ. މިޝިއާރު ކުރިއަށް އޮތްތަނުގައި ކޮމިޝަނުން ބާއްވާ އެކި ހަރަކާތްތަކުގައި ބޭނުން ކުރަމުން ގެންދާނެ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އޭސީސީގެ އާ ޝިއާރު

މީގެ ކުރިން އެ ކޮމިޝަނުން މިގޮތަށް ޝިއާރުތައް ބޭނުްނކޮށްފައި ވާއިރު، އެ ޝިއާރުތަކަކީ އެ ކޮމިޝަނުން ދޭން ބޭނުންވާ މެސެޖް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދޭން ފަސޭހަވެގެން ދިޔަ ޝިއާރުތަކެއްގެ ގޮތުގައި އޭސީސީން ފާހަގަކުރެއެވެ. އެގޮތުން މިފަހަރުގެ މި ޝިއާރަކީވެސް ކޮމިޝަނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ ޝިއާރެއް ކަމުގައި ދެކޭ ކަަމަށް އޭސީސީން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރު ޝަޒްނާ ހާޝިމް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަންގެ ސަބަބުން ލިބިގެންދާ ގެއްލުން ފާހަގަކުރައްވައި ކޮމިޝަނުގެ އައު ޝިޔާރުގައިވާ ފަދައިން މި ކުޑަ ގައުމުގައި "އެންމެން އެކުގައި - ކޮރަޕްޝަނާ ދެކޮޅަށް" މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. ކޮރަޕްޝަން ހުއްޓުވުމަށް އޭސިސީން ކުރަމުންދާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތަކެއް އެބަހުރި ކަމަށާއި ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވެ ކުރިއެރުންތަކެއް ލިބޭނީ އެންމެން ގުޅި އެކަތި ގަޑަކަށް ވެގެން ކަމަށާއި، މިކަމުގައި ހުރިހާ މުއައްސަސާތަކާއި އެތަންތަނުން ހިދުމަތް ހޯދާ ފަރުދުންގެ ޒިންމާ ވެސް ބޮޑުކަން މެންބަރު ޝަޒްނާ ފާހަގަކުރެއްވިއެވެ.

އައު ޝިޔާރު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ކޮމިޝަނަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބައެއް މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.