ގދ.ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އުސޫލުތަކާ ހިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި މިނިސްޓްރީ އޮފް ޖެންޑާގެ ކުރީގެ އިސް ތިން ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލަ އަކީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ މިނިސްޓްރީ އޮފް ޖެންޑާގެ ބިޑު ކޮމިޓީގެ މެންބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިއުލާނާ ގުޅިގެން ބިޑް ހުށައެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރިކަމުގެ ތުހުމަތުގައި ހުށަހަެޅި މައްސަލައެކެވެ.

އެ މައްސަލަ ބަލައި އޭސީސީން ތަހުގީގު ކުރުމަށް ފަހު މި މައްސަލާގައި ދައުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވާފައި ވަނީ އޭރު އެ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ސ. ހިތަދޫ ހަނދުވަރީގެ، އާއިޝަތު ރަޝީދު އާއި އެ މިނިސްޓްރީގެ އޭރުގެ ޑިރެކްޓާ ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓާ، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.

އޭސީސީން ބުނީ، މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ކަންކަމުގެ ތެރޭގައި ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެ އޭޖެންސީން އިވެލުއޭޓުކޮށް، އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ހަވާލު ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓްރީ އޮފް ޖެންޑާގެ ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏަށް ކަމަށް އޭސީސީން ބުނެއެވެ.

އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑު ކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލު ކުރުމަށް މިނިސްޓްރީ އޮފް ޖެންޑާގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ ކަމަށް އޭސީސީން ބުނެއެވެ. އަދި އެ މަސައްކަތް ދެވަނައަށް ދިޔަ ކުންފުންޏަށް ހަވާލު ކުރީ އެ މަސައްކަތް ހަވާލު ކުރި ފަރާތަށް ވެސް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި ކަން ތަހްގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏާ، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައި ވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 ރުފިޔާ ބޮޑު އަގުގައި ކަމަށް ވެސް އޭސީސީން ބުނެއެވެ.

މިމައްސަލާގައި ހިމެނޭ 3 މީހުންގެ މައްޗަށް ކުރަނީ ގާނޫނު ނަންބަރު 9/2014 ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.