އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު 21 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޝިއާއުގެ މަރާ ގުޅިގެން، އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ އަލީ ޝާހިލެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ވަނީ ބަންދުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ފުލުހުންގެ ތަހުގީގަށް ބެލުމަށް ފަހު މި މަސް ނިމުމުގެ ކުރިން ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ސާފު ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް ހަސަން ސައީދު މީގެ ކުރިން ވިދާޅުވީ، މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައި އެބަހުރި ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރުގެ ފަހަތުގައިވާ ސަބަބު އެނގުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ވަނީ ޝިއާއު މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.