މިދިޔަ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް ދަންޖެހިފައި ހުއްޓާ ހޮސްޕިޓަލަށް ގެންދިޔައިރަށްވުރެ ވިންދު ރަނގަޅުވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މޫސާ ވިދާޅުވީ ފައިސަލް އެ ހޮސްޕިޓަލަށް ގެންދިޔައިރު ވިންދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި އެހެންނަމަވެސް ވިންދު މިހާރު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ފައިސަލަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ވަރަށް ކްރިޓިކަލް ކަމަށް މުހައްމަދު މޫސާ ވިދާޅުވިއެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ ހޯމަ ދުވަހުގެ ރޭ 11:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރްސީއެމް އަދި އެންއައިސީ އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ ފައިސަލް ހޮނިހިރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާއިރު، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ. ނިޝާމާ މަރުވި އިރު، އެ ދެމަފިރިންގެ ކުޑަ ތިން ކުދިން ތިއްބެވެ.