ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒުތަކުގައި ރަޖިސްޓްރީވެގެން ކިޔަވާ ދަރިވަރުންގެ އަތުން މާލީ މަންފާ ހޯދުން މަނާކޮށް، ރާއްޖޭން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދަށް ގެނައި އިސްލާހު ގެޒެޓުކޮށްފިއެވެ.

ބޭރުގެ ފަރާތްތަކުން މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ދިވެހި ސަރުކާރުން ނުވަތަ ބޭރުގެ ސަރުކާރަކުން ވެސް ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހެޅޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާ އެކު، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ގަވައިދަށް ގެނައި އިސްލާހުގައި، ދިވެހި ސަރުކާރުން ނުވަތަ ބޭރުގެ ސަރުކާރަކުން ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ މަރުކަޒެއްގެ ކެމްޕަސްތަކަށް ހާއްސަވާ ވަކި ސިފަތަކެއް ހިމަނާފައިވެއެވެ. އެގޮތުން، ބޭރު ގައުމެއްގެ މަތީ ތައުލީމްދޭ މަރުކަޒެއްގެ ކެމްޕަހެއް ގާއިމްކުރާނަމަ، އެ ގައުމަކީ ރާއްޖެއާ ޑިޕްލޮމަޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ވާން ޖެހޭނެ ކަމާއި، އެމްކިއުއޭ ގަބޫލުކުރާ ޕްރޮގްރާމްތަކުގެ ތެރެއިން މިނިސްޓްރީން ހުއްދަދޭ ޕްރޮގްރާމްތައް އެކަނި ކަމާއި، މަރުކަޒުގައި ކިޔަވައިދޭ ޕްރޮގްރާމްތަކަށް ސަނަދު ދޫކުރަން ވާނީ އެ މަރުކަޒު ނިސްބަތްވާ މައި އިދާރާއަކުން ކަމަށް އެ އިސްލާހުގައި ވެއެވެ.

އެ އިސްލާހުގައިވާ ގޮތުން، ދަރިވަރުންގެ އަތުން އެއްވެސް ކަހަލަ މާލީ މަންފާއެއް ނުވަތަ ފީއެއް ނަގާގޮތަށް ވިޔަފާރި އުސޫލުން ހިންގޭ މަރުކަޒެއް ކަމުގައި އެ ތަން ވެގެނެއް ނުވާނެއެވެ. އަދި އެފަދަ މަރުކަޒުތަކުގައި ރަޖިސްޓްރީވެ ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ކަހަލަ މާލީ މަންފާއެއް ހޯދުން މަނާވާނެއެވެ.

ހަމަ އެއާއެކު، އެފަދަ މަރުކަޒެއް ރަޖިސްޓްރީކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އެދި ހުށަހަޅަން ވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މިނިސްޓްރީ އަށް ކަމަށް ވެސް، އިސްލާހުގައި ވެއެވެ.

މިއަދު މި ގަވައިދު ގެޒެޓުކޮށްފައި ޝާއިއުކޮށްފައިވުމުން، މިއަދުން ފެށިގެން މި ގަވައިދަށް އަމަލުކުރުން ލާޒިމްވާނެއެވެ.