ގއ.މާމެންދޫ ގިރަމުންދާ މައްސަލައަށް ސަރުކާރުން ހައްލުކޮށްދީފައި ނުވާތީ ކައުންސިލުން އެ ސަރަހައްދުގައި މިއަދުގެ ޖަލްސާއެއް ބާއްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ އެރަށަށް ދިމާވެގެން އުޅޭތާ މިހާރު 5-6 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ.

މިކަން ހައްލުކުރުމަށް ކައުންސިލުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ކަމާ ގުޅުންހުރި މިނިސްޓްރީތަކަށް ސިޓީ ފޮނުވައި މިނިސްޓްރީތަކާ ބައްދަލު ވެސް ކޮށްފައިވާ ކަމަށް މިސްބާހު ވިދާޅުވިއެވެ. މީގެ އިތުރުން ދާއިރާގެ އެމްޕީއާ ވެސް ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެއްވެސް ކަހަލަ ބަދަލެއް އަދިވެސް ފެންނަން ނެތް ކަމަށް މިސްބާހު ފާހަގަކުރެއްވިއެވެ.

ރަށް ގިރާ މައްސަލަ ހައްލުނުކޮށްދޭތީ މާމެންދޫ ކައުންސިލުގެ ޖަލްސާ މިއަދު ގިރާ ސަރަހައްދުގައި / ފޮޓޯ: ކައުންސިލް

މިސްބާހު ވިދާޅުވީ، ކުރީގެ އެންވާރަމަންޓް މިނިސްޓަރު ޑރ. ހަސަން ރަޝީދު ހުސެން މާމެންދޫއަށް ވަޑައިގެންނެވި ކަމަށާއި އަދި ކަމަށާއި އަދި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެއްޓިގެންދާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އަމަލީ ސިފައެއްގައި އެ ސަރަހައްދު ހިމާޔަތް ކުރުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ފެށިފައި ނުވާ ކަމަށް މިސްބާހު ވިދާޅުވިއެވެ.

މިސްބާހު އިތުރަށް ވިދާޅުވީ، މިހާރު މިދާ ރޭޓުން ދާނަމަ އެއް އަހަރު ތެރޭގައި އެސަރަހައްދުގައި އުޅޭ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

މިހާރު މިދާ ރޭޓުން ދާނަމަ އެއް އަހަރު ތެރޭގައި އެސަރަހައްދުގައި އުޅޭ މީހުން އެހެން ސަރަހައްދަކަށް ރިލޮކޭޓުކުރަން ޖެހޭނެ، އެހާ ބާރު ސްޕީޑުގައި ގިރައިގެން އެދަނީ
މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ

މިހާތަނަށް 80 ވަރަކަށް ރުއް އެއްކޮށް ގިރައިގެން ގޮސްފައިވާ ކަމަށް މިސްބާހު ވިދާޅުވިއެވެ.

މިސްބާހު ވިދާޅުވީ، އެސަރަހައްދުގެ ފެނަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި އަދި އެސަރަހައްދުގެ ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި އަންނަމުންދާ ކަމަށެވެ.

ރަށް ގިރާ މައްސަލަ ހައްލުނުކޮށްދޭތީ މާމެންދޫ ކައުންސިލުގެ ޖަލްސާ މިއަދު ގިރާ ސަރަހައްދުގައި / ފޮޓޯ: ކައުންސިލް
އެކަންކަމަށް ސަރުކާރުގެ އެއްވެސް ސަމާލުކަމެއް ނާންނާތީ، ސަރުކާރުގެ ސަމާލުކަން ހޯދުމުގެ ގޮތުން އެތަން ދައްކާލުމަށް އެތަނުގައި ޖަލްސާ ބޭއްވީ
މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ

މިއަދުގެ ބޭއްވި އެޖަލްސާގައި މިކަންކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެންނެވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށް މިސްބާހު ވިދާޅުވިއެވެ.

ރަށް ގިރާ މައްސަލަ ހައްލުނުކޮށްދޭތީ މާމެންދޫ ކައުންސިލުގެ ޖަލްސާ މިއަދު ގިރާ ސަރަހައްދުގައި / ފޮޓޯ: ކައުންސިލް

ސަރުކާރަށް މާމެންދޫގެ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވޭނަމަ އެ މަސައްކަތް ކުރުމުގެ ހުއްދަ ކައުންސިލަށް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.