ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ ފައިސަލް އަލީ ދަންޖެހުމާ ގުޅިގެން، ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މޫސާ ވިދާޅުވީ، ފައިސަލްގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި އަދި އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ ރޭ 11:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރްސީއެމް އަދި އެންއައިސީ އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ ފައިސަލް ހޮނިހިރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާއިރު، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ.

ނިޝާމާ މަރުވި އިރު، އެ ދެމަފިރިންގެ ކުޑަ ތިން ކުދިން ތިއްބެވެ.