އަރަބިއްޔާ ސްކޫލްގެ މައްސަލަތަކާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން އަޑު އުފުލަމުން އަންނާތީ އެ ސްކޫލަށް މިހާރު ކަނޑައަލާފައި ހުންނެވި ވަގުތީ ޕްރިންސިޕަލް، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ޕީޓީއޭއަށް އިންޒާރު ދިން ކަމަށް އަރަބިއްޔާ ބެލެނިވެރިން ތުހުމަތު ކޮށްފޮއެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލަތަކާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް އެ ސްކޫލްގެ ބެލެނިވެރިން އެކުވެގެން ހަދާފައިވާ "އަރަބިއްޔާ ފެމިލީ" ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުން ލަސްކޮށް، ދިގު ދަމަމުންދާ މައްސަލައާ ދެކޮޅަށް ސްކޫލްގެ ޕީޓީއޭ އިން އެއްވެސް ވަރަކަށް އުޅެގެން ނުވާނެ ކަމަށް މިހާރު ލާފައިވާ ވަގުތީ ޕްރިންސިޕަލް ވިދާޅުވެފައިވާ ކަަމަށެވެ. އަދި އަރަބިއްޔާގެ އިމާރާތުގެ އެއްވެސް ކަމެއްގައ ޕީޓީއޭއިން އުޅޭ ނަމަ ޕީޓީއޭ އުވާލާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަަމަށް ވެސް އަރަބިއްޔާ ބެލެނިވެރިން ބުނެއެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށް އެ ސްކޫލަށް ވަގުތީ ޕްރިންސިޕަލެއްގެ ގޮތުގައި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ހަމަޖައސާފައި ވަނީ މިދިޔަ މަހުގެ ކުރީ ކޮޅެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ބަދަލު ކުރުމުން އޭރު އަރަބިއްޔާގެ ބެލެނިވެރިން ވަނީ އެ ސްކޫލް މިހާރު ހިންގާ އިމާރާތު ކައިރީގައި އާއި ވެލާނާ އިމާރާތު ކައިރިގައި އިހުތިޖާޖުތަކެއް ކޮށްފައެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ބަދަލު ކުރި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިދާރީ ބަދަލެއް ގެނެސްފައި ވަނީ، އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރުމަށް ކަމަށެވެ. ނަމަވެސް ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް އެޑިއުކޭޝަނުން ޖަވާބެއް ދީފައެއް ނުވެއެވެ.
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް ވަނީ އޭނާ އަރަބިއްޔާ އިން ވަކި ކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭން އޭނާ އެދިފައި ވާ އިރު، އެ މައްސަލައިގައި ޓްރިނިއުނަލް އިން ބުނެފައި ވަނީ، އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެވޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމަށާއި އެހެން ކަމުން އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ.
ނަމަވެސް އެ މައްސަލަ ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށް އެ ޓްރައިބިއުނަލް އިން ވަނީ އަންގާފައެވެ. އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.