ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމަކަށް 49 ފަނޑިޔާރަކު އިންޑިއާ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖޭއެސްސީން ބުނީ، މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ކޮމިޝަނާއި އިންޑިއާގެ ގައުމީ ޖުޑީޝަރީ އެކަޑެމީން މީގެ ދެ އަހަރު ކުރިން ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ފަނޑިޔާރުން ދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޖުޑީޝަރީ އެކަޑެމީގެ މައި ކެމްޕަސް ހުންނަ، އެގައުމުގެ ބޯޕާލަށެވެ. 49 ފަނޑިޔާރަކު ބައިވެރިންގެ ގޮތުގައި ދާއިރު މި ޕްރޮގްރާމްގައި ބައިވެރިވަނީ:

  • ހައިކޯޓުގެ ދެ ފަނޑިޔާރުން
  • މަތީ ކޯޓުތަކުގެ 14 ފަނޑިޔާރުން
  • ރަށްރަށާއި އަތޮޅުތަކުގެ 33 މެޖިސްޓްރޭޓުން
  • މީގެ ތެރޭގައި ހަ އަންހެން ފަނޑިޔާރެއް ހިމެނޭ

މާދަމާ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އިންޑިއާގެ ޖުޑީޝަރީ ހިމެނޭހެން، ހަ ސެޝަނެއް ކުރިއަށް ގެންދާނެ ކަމަށް ޖޭއެސްސީން ބުންޏެވެ. އެގޮތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދޭނެ ބައިތަކަކީ:

  • ކޮންސްޓިޓިއުޝަނަލް ވިޝަން އޮފް ޖަސްޓިސް
  • އެލެމެންޓްސް އޮފް ޖުޑީޝަލް ބިހޭވިއާ
  • ޖަޖިން ސްކިލްސް
  • ކޯޓް މެނޭޖްމަންޓް އެންޑް ކޭސް މެނޭޖްމަންޓް
  • ރީއިންހިނިއަރިން ޖުޑީޝަލް ޕްރޮސެސަސް ތްރޫ އައިސީޓީ

އިންޑިއާގެ ޖުޑީޝަރީ އެކަޑެމީ އަކީ އެގައުމުގެ ޖުޑީޝަރީ ތަމްރީނުކުރުމުގެ އިތުރުން، މިޔަންމާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ތަމްރީނުތައް ދީ އެހީތެރިކަން ދެމުން ގެންދާ އެކަޑެމީއެކެވެ. މިއީ މެ އެކަޑެމީން ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރާ ފުރަތަމަ ފަހަރެވެ.