ފުޓްބޯޅައަކީ އެންމެ ފަހު ސިކުންތާ ހަމައަށް ދަންދެންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ކުޅިވަރެކެވެ. އެއްބައިވަންތަ ކަން ފުރިހަމަ އަށް ދައްކުވައި ދީ ނުހަނު ފޯރި އާއެކު ކުޅޭ ކުޅިވަރެކެވެ.
އެކަމަކު ސާޖަރީ އެއް ކުރިއަށް ދާއިރު މެޗެއް ބަލަން އޮތް ވާހަކަ އަދި އަޑުނީވިދާނެއެވެ. މިއޮތީ އޭގެ ވާހަކައެކެވެ. ޕޮލެންޑަށް ނިސްބަތްވާ މި މީހާ ސާޖަރީ ކުރިއަށް ދިޔައިރު އޮތީ ވޯލްޑްކަޕް މެޗެއް ބަލާށެވެ. އޭގެ ވީޑިއޯ އާއި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވާއިރު ގިނަ ބަޔަކު ވަނީ އޭނާ އަށް ވަރަށް ތައުރީފު ކޮށްފައެވެ. ހަޔާތުގައި އުނދަގޫ ކަމެއް ތަހައްމަލު ކުރަމުން އަންނަ ދަނޑިވަޅުގައި ހިތްހަމަޖައްސާލުމަށް ފުޓްބޯޅަ މެޗެއް ބެލުން އެންމެ ރަނގަޅު ކަމަށް ގިނަ ބަޔަކު ބުންޏެވެ.
ސްޕައިނަލް އެނެސްތީސިއާ ދީގެން އޭނާގެ ސާޖަރީ ހެދިއިރު އޭނާގެ ހޭ ހުއްޓެވެ. ސާޖަރީ ކުރިއަށް ދިޔައިރު އޭނާ މެޗު ބަލަން އޮތް ފޮޓޯ ވަރިއަލް ވުމާއެކު އެ ފޮޓޯ އަށް ކޮމެންޓް ކުރި މީހަކު ބުނީ އޭނާއަށް ޓްރޮފީ އެއް ހައްގު ކަމަށެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު މި ސާޖަރީ ހެދުމުގެ ކުރިން ޕޮލެންޑަށް ނިސްބަތްވާ މި މީހާ ޑޮކްޓަރުން ގާތު އެދުނީ އެންމެ ކަމަކަށެވެ. އެއީ ވޭލްސް އާއި އީރާންގެ މެޗު ބެލުމަށެވެ. އެއާއެކު މެޑިކަލް ޓީމުން ވަނީ އޭނާގެ އެދުމަށް ފުރަގަސް ނުދީ އެކަމަށް އެއްބަސް ވެފައެވެ. އަދި އޮޕަރޭޝަން ތިއޭޓަރުގެ ކަނުގައި ޓީވީ އެއް ބަހައްޓައިދިނެވެ.