ރޭޕް ތުހުމަތުތަކަށް ކުރީގެ މަޝްހޫރު ބޭންޑް "ބެކް ސްޓްރީޓް ބޯއީސް" ގެ ތަރި ނިކް ކާޓާ އިންކާރު ކޮށްފިއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ކާޓާ 42، ގެ މައްޗަށް ރޭޕްގެ ތުހުމަތުތައް ކޮށްފައި ވަނީ ޝެނަން ރޫތު ނަމަކަށް ކިޔާ 39 އަހަރުގެ އަންހެނެކެވެ. ލަސް ވޭގަސްގެ ކޯޓަށް ހުށަހެޅި މި މައްސަލައިގައި ޝެނަން ބުނީ 2001 ވަނަ އަހަރު މި ހާދިސާ ހިނގި ކަމަށާއި އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރު ކަމަށެވެ. ޝެނަން ބުނީ ކޮންސެޓެއްގެ ތެރެއިން ނިކްގެ އޮޓޯގްރާފު ހޯދަން ކިޔު ގައި މަޑުކޮށްގެން ހުއްޓާ ނިކްގެ ލޮލުގައި އޭނާ އަޅައިގަތް ކަމަށާއި އޮޓޯގްރާފް ހޯދަން ދިޔުމުން ނިކް އޭނާ އަށް ދައުވަތެއް ދިން ކަމަށެވެ.
އެއްޗެއް ބޯލަށް ދިން ދައުވަތު ގަބޫލުކޮށް އުފަލުން ހުރެ ޝެނަން ނިކް ގާތަށް ދިޔަ ކަމަށާއި ނަމަވެސް އެރޭ ނިކް އޭނާ ރޭޕްކުރި ކަމަށް ބުންޏެވެ. އެކަމާ ގުޅިގެން ނިކް ކާޓާ ނެރުނު ބަޔާނުގައި ބުނީ ޝެނަން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކަ އެއް ކަމަށާއި ޝެނަން އަކީ ކާކުކަން ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ. އަދި ރޭޕްކުރި ނަމަވެސް އެ ވާހަކަ ތިލަ ކުރާނީ އޭގެ 21 އަހަރު ފަހުން ނޫން ކަމަށާއި މިއީ އެއްވެސް ކަހަލަ ތެދެއް އޮތް ވާހަކަ އެއް ނޫން ކަމަށެވެ. އަދި އެ ވާހަކަ ދޮގުކަން ކޯޓުގައި ސާބިތު ކޮށްދޭނެ ކަމަށްވެސް ނިކް ވަނީ އެ ބަޔާނުގައި ބުނެފައެވެ.
ތިން ކުދިންގެ ބައްޕަ ނިކް އަކީ މިދިޔަ މަހު މަރުވި އާރޮން ކާޓާ ގެ ބޭބެއެވެ. ދިވެހިންގެ ތެރޭގައި މި ފަހުން އާރޮން ވަނީ ވަރަށް ބޮޑަށް މަގުބޫލު ވެފައެވެ. އެއީ ދިވެހި އާޓިސްޓު އަލީ ޝިމްހާގުގެ އަމިއްލަ ކުރެހުމެއް ވަގަށް ނަގައިގެން އާރޮން އެ ކުރެހުން ބޭނުން ކުރުމުންނެވެ. މި މައްސަލަ ބޮޑުވެގެން ޝިމްހާގު ވަނީ އެމެރިކާގެ ކޯޓެއްގައި އޭނާ އާ ދެކޮޅަށް ދައުވާކޮށް އެ މައްސަލަ ކާމިޔާބުވެސް ކޮށްފައެވެ.