ފީފާ ވޯލްޑްކަޕްގެ އެއް ފަޅިން ސެމީ ފައިނަލްގައި ކުޅޭނެ ދެ ޓީމު ރޭ ކަށަވަރުވެފައިވާ އިރު ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗުގައި ވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ބްރެޒިލް ތަޖުރިބާކާރު ކްރޮއޭޝިޔާ އަތުގައި ޖެހި ކަޓައިގެން ދިޔަ އިރު މެސީގެ އާޖެންޓީނާއަށް ނެދެލޭންޑްސް ބަލިކުރެވުނީ ހަމަ ކިރިޔާއެވެ. ސެމީގައި އާޖެންޓީނާއާއި ކްރޮއޭޝިޔާ ކުޅޭ މެޗު އަންގާރަ ދުވަހު އޮންނަ އިރު އަނެއް ފަޅިން ސެމީއަށް ދާނެ ދެ ޓީމު މިރޭ އެނގިގެންދާނެއެވެ.

ރޭގަނޑު 8 ޖަހާ އިރު މޮރޮކޯއިން ނިކުންނާނީ ޕޯޗުގަލް ސިއްސުވާލަން

މުބާރާތުގެ ފަހު 8 ޓީމުގައި މޮރޮކޯ ހިމެނޭނެއޭ އެއްވެސް މީހަކު ނުބުނާނެއެވެ. އެހެން ނަމަވެސް އެޓީމަކީ މިހާތަނަށް މުބާރާތުގައި ބަލިނުވެ އޮތް އެއް ޓީމެވެ. މުޅި މުބާރާތުގައި ވެސް މޮރޮކޯގެ ގޯލަށް އެންމެ ލަނޑެއް ވަދެފައިވާ އިރު އެއީ ވެސް މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ތިން ޕެނަލްޓީއެއް ސޭވްކޮށްފައި/ފޮޓޯ: ފްރާންސް 24

މިރޭ ޕޯޗުގަލް ބަލިކޮށްގެން މުބާރާތުގެ ތާރީހުގައި އެޓީމުގެ ނަން ލިޔެ ލެވޭނެއެވެ. އެއީ މުބާރާތުގެ ތާރީހުގައި ވެސް ސެމީއަށް ދިޔަ ފުރަތަމަ އެފްރިކާގެ ޓީމަށް ވެގެންނެވެ. ސްޕެއިން ބަލިކޮށް ކުއާޓާއަށް އައި މޮރޮކޯއަށް މިރޭ މެޗު ފަސޭހަ އެއް ނުވާނެއެވެ. އެހެން ނަމަވެސް މުޅި އެފްރިކާ ބައްރުގެ އިތުރުން ހުރިހާ މުސްލިމް ގައުމެއް ވެސް މޮރޮކޯއާއެކު އޮތް އިރު މޮރޮކޯއަށް އޮތް ސަޕޯޓާ މެޗު އެއްވެސް ޝައްކެއް ނެތެވެ.

ރާމޯސް އަކީ މިމުބާރާތުގައި ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ/ފޮޓޯ:ފީފާ

ޕޯޗުގަލް ކުއާޓާއަށް އައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސުވިޓްޒަލޭންޑް ބަލިކޮށްގެންނެވެ. އަދި އެއީ ވެސް ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލާ ފުރަތަމަ 11 ނެރެގެންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ތަރި އޮއްސިއްޖެކަން މިހާރު ޕޯޗުގަލްގެ ގިނަ ސަޕޯޓަރުން ބެސް ގަބޫލުކުރާނެ އިރު ރޮނާލްޑޯއާ ނުލާ ޕޯޗުގަލް މާ ރަނގަޅަށް ކުޅެއެވެ. މޮރޮކޯގެ ޑިފެންސިވް ކުޅުމަށް ރަނގަޅު ޖަވާބެއް ދިނުމަށް ޕޯޗުގަލް އިން ހަމަ ގައިމުވެސް ތައްޔާރުވާނެއެވެ. މޮރޮކޯގެ ޑިފެންސް ފޫ އަޅުވާލެވޭނެ ފަދަ މޮޅު ކުޅުންތެރިން ހަމަ ގައިމުވެސް ޕޯޗުގަލްގައި އެބަ ތިއްބެވެ.

ދަންވަރު 12 ޖަހާ އިރު ޗެމްޕިއަންސް ނިކުންނާނީ އިންގްލޭންޑް އަނބުރާ ގައުމަށް ފޮނުވާލަން

ކުއާޓާގެ އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ މެޗަކީ އިންގްލޭންޑާ ފްރާންސްގެ މެޗެވެ. އިންގްލޭންޑް ކުއާޓާއަށް އައި ގަދަ 16ގައި 3-0 އިން ސެނެގާލް ބަލިކޮށްގެންނެވެ. މުބާރާތުގައި އިންގްލޭންޑުން ޖުމްލަ 12 ލަނޑު ޖަހާފައިވާ އިރު އެޓީމުގެ މިޑްފީލްޑްގައި ކުޅޭ 19 އަހަރުގެ ޖޫޑް ބެލިންގްހަމްގެ ކުޅުން ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައެވެ. އެހެން ނަމަވެސް މުބާރާތުގައި އަދި އިންގްލޭންޑަށް އުނދަގޫ ޓިމަކާ ނުޖެހޭ ކަމަށް ގިނަ ޕަންޑިޓުން ވަނީ ބުނެފައެވެ. އެހެން ކަމުން މިރޭގެ މެޗަކީ މުބާރާތުގައި އިންގްލޭންޑަށް ކުރިމަތިލާން ޖެހޭ ފުރަތަމަ ޓެސްޓަށްވާނެ އިރު މެޗު ކާމިޔާބުކޮށްގެން އޮތީ ސެމީއިން ޖާގައެކެވެ.

އިންގްލޭންޑްގެ ޖޫޑް ބެލިންގްހަމް/ފޮޓޯ: ފީފާ ޓުވިޓާ

މި ފަހަރަކީ އަނެއްކާވެސް ފްރާންސްގެ ފަހަރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފްރާންސްގެ ޓީމުގައި ތަޖުރިބާ އެބަ އޮތެވެ. ޓީމަކީ ހުނަރުން ފުރިފައި އޮތް ޓީމެކެވެ. ދެން ހުރީ ކިލިއަން މަމްބާޕޭއެވެ.

މަމްބާޕޭ މިމެޗުގައި ވަނީ ދެލަނޑު ޖަހާފައި/ފޮޓޯ: ފްރާންސް 24

23 އަހަރުގެ މި ކުޅުންތެރިޔާއަކީ މިވަގުތު މުބާރާތުގައި ހުރި އެންމެ ފޯމްގައި ކުޅޭ ކުޅުންތެރިޔާއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. މުބާރާތުގައި އޭނާ ޖުމްލަ 5 ލަނޑު ޖަހާފައިވާ އިރު މިފަހަރުގެ ގޯލްޑަން ބޫޓް ލިބޭނީ އޭނާއަށް ހެން ވަރަށް ހީވެއެވެ.