އެޗްއައިވީ، ހެޕަޓައިޓިސް އަދި އެސްޓީއައި ގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން ލޯންޗް ކޮށްފިއެވެ.

މި ޕްލޭން ލޯންޗު ކުރީ އެއިޑްސް ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ގއ. ވިލިނގިލިގައި މިއަދު ބޭއްވި ހާއްސަ ތަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތިފީއެވެ. މި ޕްލޭންއަކީ ރާއްޖޭގައި އެޗްއައިވީ އާއި ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން އަރާ އެހެން ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރި ކުރުމަށްޓަކައި އެކުލަވާލެވިފައިވާ 5 އަހަރުގެ ޕްލޭންއެކެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތިގައި އެއިޑްސް ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވާފައެވެ.

މިއަހަރުގެ އެއިޑްސް ދުވަހާއި ގުޅިގެން، މި މަހުގެ 5 އިން 12 އަށް ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި ހަރަކާތްތަކެއް ކުރިއަށް ގެންދާ އިރު، އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި ސާކް ޑިވަލޮޕްމެންޓް ފަންޑުގެ އެހީތެރިކަމާ އެކުގައެވެ.

އެއިޑްސް ފަދަ ބަލިތަކުން ސަލާމަތްވާން ކެމްޕެއިން ލޯންޗް ކުރި ރަސްމިއްޔާތުގައި ދަރިވަރުން ނަށަނީ

އެގޮތުން ޑިސެންބަރު 5 އިން 7 އަށް ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީން 25 ބައިވެރިން ހިމެނޭ ގޮތަށް ޕީއާރް އެޑިއުކޭޓާސް ޓްރޭނިންއެއް ގއ. ވިލިނގިލީގައި ކުރިޔަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޓްރޭނިން އަށް ފަހު އެ 3 ރަށުގައި ޕީއާރް އެޑިއުކޭޓާސް އައުޓް ރީޗް ވަނީ އިއްޔެ އާއި މިއަދު ގއ. ވިލިނގިލީގައި ކުރިޔަށް ގެންގޮސްފައެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލާއި ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން އިން މި މަހުގެ 8 އިން 12 އަށް ހެލްތު ސްކްރީނިން ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގެ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން "ކްލިނިކަލް މެނޭޖްމަންޓް ސެޝަން އޮން އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) އަދި އެސްޓީއައި" ގެ ނަމުގައި އެއް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޓްރެއިނިން ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޕެޝަލިސްޓުންގެ ޓީމަކާއެކުއެވެ. މީގެ އިތުރުން މިއަދުން ފެށިގެން މި މަހުގެ 12 އަށް ގއ.ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ޓީމްގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމްތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

އެއިޑްސް ފަދަ ބަލިތަކުން ސަލާމަތްވާން ކެމްޕެއިން ލޯންޗް ކުރި ރަސްމިއްޔާތުގައި ދަރިވަރުން ނަށަނީ

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ ކޮށްގެން ހިންގާ ފެއާގައި އެކި ބަސްބަހުން ސިއްހީ މައުލޫމާތު ހިއްސާކުރުމާއި ބަލިތަކައް ސްކްރީން ކުރުމާއި އަދި ޑޮކްޓަރަށް ދެއްކުން ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އެއިޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. މިދުވަސް ރާއްޖޭގައި ކޮންމެ އަހަރަކުވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.