ރާއްޖޭގައި 36 މީހަކު އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ބައްޔަށް ފރުވާ ހޯދަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއިޑްސްއަކީ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ވައިރަސްގެ ޒަރިއްޔާއިންޖެހޭ ބައްޔެއް ކަމަށާއި ރާއްޖޭއިން އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައި ވަނީ 1991 ވަނަ އަހަރުގައި ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރާފައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 8 އަންހެންނާއި 45 ފިރިހެނުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓާބަރު މަހުގެ ނިޔަލަށް އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބަށް ވުރެ މިއހަރު މިވަނީ 5 މީހުން އިތުރުވެފައެވެ. އެ މުއްދަތުގައި ރާއްޖޭގައި މި ބަލި ޖެހުނު މީޙުންގެ އަދަދަކީ 49 އެކެވެ. އެއީ 7 އަންހެނުންނާއި 43 ފިރިހެނުންނެވެ.

އެޗްއައިވީއަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓް ކަމަށްވާއިރު 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިލޭ ދަނީ އެ ފަރުވާ ފޯރުކޮށްދެވެމުންނެވެ. މި ބައްޔަށް ޓެސްޓްކޮށް ބަލި ނެތްކަން އަމިއްލައަށް ޔަގީންކަން ހޯދުމަކީ މުހިއްމު ކަމެއް ކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ކާކުކަން ނޭނގޭގޮތަށް ވެސް ޓެސްޓް ކުރެވޭނެ ކަމަށާއި ނަތީޖާ އެއްވެސް ފަރާތަކަށް ހާމަނުކުރާނެ ކަމަށެވެ. އަދި ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިއްމު ކަމަށާއި މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލި ފެތުރޭ ގޮތްތައް:

  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން.
  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުން.
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުން.
  • އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން.

އެކަކު ގައިން އަނެކަކު ގަޔަށް މަދިރީގެ ޒަރިއްޔާއިން އެޗްއައިވީ ނުފެތުރޭނެއެވެ. އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗްއައިވީ ނުފެތުރޭއިރު އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާހާނާއެއް ބޭނުން ކުރުމުން އެޗްއައިވީ ނުފެތުރޭނެއެވެ.

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ސިއްހަތު ކުރިއެރުވުމާއި އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމަށް ޒުވާނުން ހަރަކާތްތެރިވުން" މިއެވެ. މި ޝިއާރުގެ މަގްސަދަކީ އެޗްއައިވީން ރައްކާތެރިވުމަށްޓަކައި ކުރެވޭ މަސައްކތުގައި ޒުވާނުން ބައިވެރިވުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.