ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށާ އިރު މިރޭގެ މެޗުތަައް ނިމޭ އިރު އެއް ފަރާތުން ސެމީއަށް ދާނެ ދެ ޓީމު އެނގިގެންދާނެއެވެ. މިރޭ އޮތީ ސައުތް އެމެރިކާއާ ޔޫރަޕްގެ ކުރިމަތިލުންތަކެކެވެ. އެއީ ބްރެޒިލް އަދި ކްރޮއޭޝިޔާ އަދި އާޖެންޓީނާ ނެދާލޭންޑްސްއެވެ.
މިރޭ 8 ޖަހާ އިރު ކްރޮއޭޝިޔާ ނިކުންނާނީ ބްރެޒިލް ބަލިކުރަން
2018 ވަނަ އަހަރުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާއަށް މި މުބާރާތުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމަކީ ނޮކްއައުޓް ސްޓޭޖުގެ ތަޖުރިބާ އޮތް ޓީމެކެވެ. މިގޮތުން، މެޗުގެ 90 މިނެޓް ހަމަކޮށް އިތުރު 30 މިނެޓް ކުޅެ ޕެނަލްޓީ ޖަހައިގެން މެޗުން މޮޅުވުމަކީ ކްރޮއޭޝިޔާއަށް އުނދަގޫ ކަމެއް ނޫނެވެ. ކުއާޓާއާ ހަމައަށް އައިވެސް މިގޮތަށް ޖަޕާނު ބަލިކޮށްގެންނެވެ.
އަދި ޝޫޓް އައުޓްގައި ކްރޮއޭޝިޔާގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކްރޮއޭޝިޔާއަކީ މިމުބާރާތުގައި ބަލިނުވެ އޮތް ޓީމުތަކުގެ ތެރެއިން ޓީމަކަށްވާ އިރު އެޓީމުގެ ޑިފެންސިވް ރެކޯޑްވެސް ވަރަށް ރަނގަޅެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލް އިން ވަނީ އެޓީމުގެ އަސްލު ކުޅުން ދައްކާލާފައެވެ. ސައުތްކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 37 މިނެޓްގައި 4 ލަނޑު ޖެހި އިރު ބްރެޒިލްގެ ފޭނުން ބޭނުންވާނީ އަނެއްކާވެސް މިފަދަ ބަލާ ހިތްވާ ކަހަލަ ކުޅުމެކެވެ. ބްރެޒިލް ކޮޅަށް މުޅި މުބާރާތުގައި ވެސް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. އަދި އެޓީމުގެ ކީޕަރު އެލިސަން އަކީ މުބާރާތުގައި މިވަގުތު ކުޅޭ އެންމެ ފޯމުގައި ހުރި އެއް ކީޕަރެވެ. ސެމީއަށް ދިއުމުގެ އުއްމީދު ބްރެޒިލްއަށް އެހެން ކަމުން ވަރަށް ބޮޑެވެ.
ދަންވަރު 12 އޮތީ އާޖެންޓީއާ ނެދަލޭންޑްސް
ނެދަލޭންޑްސްއަކީ ވެސް މިމުބާރާތުގައި ބަލި ނުވާ ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. ވަރުގަދަ ޑިފެންސެއްގެ ކުރިމަތީގައި އޮތީ ޒުވާން މިޑްފީލްއަކާ ތަޖުރިބާއާއި ހުނަރުން ފުރިފައިވާ ފޯވަޑް ލައިނެކެވެ. އެމެރިކާ 3-1 އިން ބަލިކޮށް ނެދެލޭންޑްސްއިން ކުއާޓާއަށް އައި އިރު މި ފަހަރުގެ މުބާރާތުގެ ސެމީއަށް ދާނެ އެއް ޓީމަކީ ލުއީ ވެން ގާލްގެ ނެދެލޭންޑްސް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުން 2-1 އިން ސައުދީ އަތުން ބަލިވިނަމަވެސް އާޖެންޓީނާ މިވަނީ އެޓީމަށް ފާޑު ކިޔާ މީހުންގެ އަޑު ކަނޑުވާލާ ރަނގަޅު ޖަވާބެއް ދީފައެވެ.
މިގޮތުން ސައުދީގެ މެޗަށް ފަހު ކުޅުނު ކޮންމެ މެޗަކުން މޮޅުވެގެން ކުއާޓާއަށް ގޮސް އޮތް އާޖެންޓީނާއަށް އަދި ވެސް އެޓީމުގެ އެންމެ ފުރިހަމަ ކުޅުމެއް ނުދެއްކެއެވެ. އާޖެންޓީނާގެ ބޭނުމަކަށްވާނީ މެސީގެ ފަހު ވޯލްޑްކަޕްގައި ފައިނަލާ ހަމައަށް އޭނާ ގެންގޮސް ދިނުމެވެ.