ފައިވާނެއްގައި ފޮނުވައިގެން 14 ސިމާއި ފޯނެއް މާފުށި ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ބަންދު މީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔަ އިރު އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްފައި ވާ ކަމަށާއި އެ ފައިވާނުގެ ދަށް ފުށް ކަފާލައި ފޯނާއި ސިމްކާ ޑުތަކެއްގެ އިތުރުން ޗާޖަރެއް ރައްކާކޮށް ޖަލަށް ވައްދަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

ސީޕީ ހިއްސާ ކުރެއްވި ފޮޓޯގައި އުރީދޫގެ 14 ސިމަކާއި ފޯނެއްގެ އިތުރުން ޗާޖަރެއް އޮތްއިރު ދެ ފައިވާނުގެ ދަށް ފުށްވެސް ވަނީ ކަފާލާފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޖަލު ތެރެއިން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގާ ކަމަށް ބުނެ، ސަލާމަތީ ބާރުތަކުން މާފުށި ޖަލުގައި ބޮޑު އޮޕަރޭޝަނެއް ހިންގާ ނިންމާލައިފާ ވަނިކޮށެވެ.

އެއްވެސް ހަމަޖެހުމެއް ނެތި ކާމިޔާބު ކަމާއެކު އެ އޮޕަރޭޝަން ނިންމާލާފައިވާއިރު އެ އޮޕަރޭޝަނުގެ ތެރޭގައި ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފަދަ މަނާ ތަކެތި ހޯދާފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ބޮން ހަދަން ގެންގުޅޭ ސާމާނާއި ލިޔެ ކިޔުންތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތުތަކެއް ވެސް ލިބިފައި ވީ ނަމަވެސް ކަރެކްޝަންއިން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެ އޮޕަރޭޝަން ހިންގަނީ ކަރެކްޝަންސްގެ އެދުމުގެ މަތިން، ސިފައިންނާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސްކޭމާ ދެކޮޅަށް މާފުށި ޖަލުގައި އޮޕަރޭޝަނެއް ފަށާފައިވާއިރު، ސްކޭމްގެ މައްސަލަތައް އިތުރުވާތީ ކަމާ ގުޅޭ މުއައްސަސާތަކުން ވަނީ އެކަމާ ގުޅިގެން ހާއްސަ ވޯކްޝޮޕެއް ބާއްވައިފައެވެ.

އެ ވޯކްޝޮޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، 2019 ޖެނުއަރީން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 998 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.