ހުޅުމާލެ ހޮސްޕިޓަލުން ނިކުތް އެމްބިއުލާންސަކުން ޖެހި އެ ހޮސްޕިޓަލް ކައިރީ ތިބި ތިން އަންހެނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ޓްރާންސްޕޯޓް ފަޅިން ދުއްވާފައި ނިކުތް ވޭނެއްް ކޮންޓްރޯލުން ނެއްޓިގެން ބޯގަންވީލާ މަގުގެ ޕޭމަންޓު މަތީގައި ތިބި ތިން މީހެއްގެ ގައިގާ ޖެހިފައިވާ ކަމަށެވެ. އެ ތިން މީހުންގެ ގައިގާ ޖެހުމަށްފަހު އެ ވޭން ވަނީ އެ ސަރަހައްދުގައި ހުރި 168 ވަނަ ފްލެޓްގެ އިރުމަތީފަރާތު ފާރު ކަނުގައި ޖެހިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ވޭން ދުއްވަން އިން ދިވެހި ފިރިހެން މީހާއަށް ވެސް ވަނީ އަނިޔާވެފައި ކަމަށާއި އަދި ވޭން ޖެހުނު ތިން މީހުންނަށް ވެސް ވަނީ އަނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ. އެ ހަތަރު މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހިސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި ތިން އަންހެނުންނަކީ ދިވެހިންނެވެ.

އެކްސިޑެންޓް ވި ވޭން ދުއްވާފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ އެ ކެޓަގަރީގެ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މިއަދު މެންދުރު ފަހު 3:50 ހާއިރު ރިޕޯތް ކުރި މި އެކްސިޑެންޓް ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓަގއި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކްސިޑެންޓްވި ވޭންގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.