މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއާ ތައާރަފުކޮށް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ.
"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒާ-ފްރެންޑްލީ ސޮފްޓްވެއާއެކެވެ.
މި ސޮފްޓްވެއާގައި އިންޓަސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ވަނީ ފަރުމާކޮށް ހިމަނާފައެވެ. މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް މި ސޮފްޓްވެއާގައި ހިމެނެއެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދެއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މިއީ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކޮށް، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށާއި، ހެކި ރައްކާތެރިކަމާއެކު ޑޮކިއުމެންޓްކުރުން ހަރުދަނާކޮށް، ހިދުމަތުގެ ދުވެލި ހަލުވިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އާ ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
