އަންނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު، ކުނި މެނޭޖްކުރުމުގެ ބިލު އިސްލާހުކުރަން މަޖިލިހަށް އަނބުރާ ފޮނުވާލާނެ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ އެންމެ ފަހު ޖަލްސާގައި މަޖިލީހުން ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލުގެ 44 ވަނަ މާއްދާގައިވާ ގޮތުން، ރާއްޖެ އަށް ކުނި އެތެރެކުރެވޭނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އަދި ނުރައްކާތެރި ކުނި އުފުލޭނި އެކަށީގެންވާ އިންޝުއަރެންސެއް ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ބިލުގެ 46 ވަނަ މާއްދާގައި ވެއެވެ.

ނަމަވެސް ކޮމިޓީ މަރުހަލާގައި ވަނީ ހަކަތަ އުފެއްދުމުގެ ބޭނުމަށް، މިނިސްޓްރީން ދޫކުރާ ވަކި ހުއްދައެއްގެ ދަށުން އަދި ކަމާ ގުޅޭގޮތުން ހަދާ ގަވާއިދާ އެއްގޮތަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލަށް އިސްލާހު ގެނެސްފައެވެ. އެހެންވެ، އެ އިސްލާހުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު ނެގުމަށާއި އެ ބިލު ތަސްދީގުނުކުރުމަށް ގޮވާލާފައިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ދަ ޕްރެސް" އަށް ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ބިލު ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މާއްދާ އަށް ގެނައި އިސްލާހަށް މިނިސްޓްރީން ތާއީދުނުކުރާ ކަމަށެވެ.

އެހެންކަމުން، އަންނަ އަހަރު މަޖިލިސް ހުޅުވުމުން އެ އިސްލާހު ރަނގަޅުކުރުމަށް ކުނި މެނޭޖްކުރުމުގެ ބިލު އަނބުރާ މަޖިލިހަށް ފޮނުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

17 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް އިއްޔެ ނެރުނު ޖޮއިންޓް ބަޔާނުގައި ބުނީ، އޭޑީބީ އާއި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ ކުނި އަންދައި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ މާހައުލާ ނުގުޅޭ، އަދި މާލީ މާލީ ގޮތުން ވެސް ރާއްޖެއާ ނުބައްދަލު މަޝްރޫއެއް ކަމަށެވެ. ތަރައްގީވަމުންދާ ބައެއް ގައުމުތަކުން މިސާލު ނަގައި ޖަމިއްޔާތަކުން ބުނީ، އެ ގައުމުތަކުން ކުނި އެތެރެކުރަން ފެށުމުން އެ ގައުމުތަކުގައި ކުނި ވަކިކުރުމާއި ނެގުމުގެ ހިދުމަތްތަކަށް ބުރޫ އަރައި، ގަވާއިދާ ހިލާފު ވިޔަފާރިތަކަށް މަގުފަހިވެފައިވާ ކަމަށެވެ.

އެފަދަ ސަބަބުތަކާ ހުރެ ކުނި އެތެރެކުރުމުގެ ސިޔާސަތުތަކާ އެ ގައުމުތަކުން ދެކޮޅުކަން ހާމަކޮށް، ބައެއް ގައުމުތަކުން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.

މިފަދަ އެތައް ކަންބޮޑުވުންތަކާ އެކު ޖަމިއްޔާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލީ ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގު ނުކުރުމަށާއި، ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށާއި، ބޭރުގެ ކޮންޓްރެކްޓަރުންނަށް ރާއްޖެ ކުނި ގޮނޑަކަށް ނަހަދާނެ ކަމުގެ ޔަގީންކަން ދެއްވުމަށެވެ.