ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަށް އަންނަ ހަފްތާގައި ވާސިލް ވެވޭނެ ކަމަށް ބެލެވޭ ކަމުަގއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މި އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މިމަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން ވޯލްޑް ކަޕް ނިމުމަށް ފަހު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ރަނގަޅު އަދަދަކުން މިއަހަރު ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޕްރައިވެޓް ސެކްޓަރުގެ ބުރަ މަސައްކަތަށް ކަމަށެވެ.

މިއަހަރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވެފައިވަނީ ފްލައިޓްތަކުގެ އަގު ބޮޑުވުން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ފްލައިޓްތަކުގެ ތާށިކަން ވަރަށް ބޮޑަށް މިއަހަރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމަށް ހައްލު ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީން ތަފާތު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް އައުމުގެ ކުރިއަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1.7 މިލިއަންއެވެ. ޑިސެމްބަރު މަހު ފަތުރުވެރިން އަންނަ އަދަދު އިތުރުވެއްޖެ ނަމަ ކޮވިޑްގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ހަމައަށް ވާސިލް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،524،265 ފަތުރުވެރިން އައިސްފައެވެ.