ފީފާ ވޯލްޑްކަޕް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ. އެޓީމުން ގަދަ 8 އަށް ދިޔައީ ރޭ 6-1 އިން ސުވިޓްޒަލޭންޑް ބަލިކުރުމަށް ފަހުއެވެ.

މެޗުގައި ޕޯޗުގަލް އިން ނެރުނު ފުރަތަމަ 11 ގައި ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނުމުން ގިނަ ބަޔަކު ހައިރާންވީ ނަމަވެސް އޭނާގެ ބަދަލުގައި އެރުވި ގޮންސާލޯ ރާމޯސް ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ.

މިގޮތުން މެޗުގެ ފުރަތަމަ ހާފްގައި އެއް ލަނޑު އަދި ދެވަނަ ހާފްގައި ދެލަނޑު ރާމޯސް ޖެހި އިރު މިއީ ބައިނަލްއަަގްވާމީ މެޗެއްގައި ޕޯޗުގަލްގެ ފުރަތަމަ 11 އިން އޭނާއަށް ޖާގަ ދިން ފުރަތަމަ ފަހަރެވެ.

ޒުވާން ތަރި ލިއާއޯ ވެސް ރޭ ވަނީ ލަނޑެއް ޖަހާފައި/ފޮޓޯ:ފީފާ

ރާމޯސްގެ އިތުރުން ޕެޕޭ، ރަފެއެލް ގެރެއިރޯ އަދި ރަފައެލް ލިއާއޯ ވެސް ރޭ ލަނޑު ޖެހި އިރު ސުވިޓްޒަލޭންޑްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހާ ދިނީ ޑިފެންޑަރު އަކާންޖީއެވެ.

މެޗުގެ ފަހު ހާފްގައި ރޮނާލްޑޯ ކުޅެން ނިކުމެ ލަނޑެއް ޖެހި ނަމަވެސް މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަަމަށް ރެފްރީ ވަނީ ނިންމާފައެވެ. ރޮނާލްޑޯއާ ނުލާ ޕޯޗުގަލް އިން ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދާ އިރު ކުއާޓާގައި ވެސް މި ފުރަތަމަ 11 ނެރޭނެ ކަމަށް ބެލެވެއެވެ.

ޕޯޗުގަލް ކުއާޓާގައި ޖެހޭނީ ރޭ ޕެނަލްޓީ ޖަހައިގެން ސްޕެއިން ކަޓުވާލި މޮރޮކޯއާއެވެ.