ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ރޭ ސައުތް ކޮރެއާއާއި ބްރެޒިލް ވާދަކުރި މެޗުގައި ސައުތް ކޮރެއާ ކޮޅަށް ލަނޑު ޖެހި ކޮންމެ ފަހަރަކު އުފާ ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ކުޅުންތެރިން ނެށުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ މަޝްހޫރު ޕަންޑިޓް (ތަޖުރިބާކާރުން) ރޯއި ކީން ބުނެފިއެވެ.
ރޭގެ މެޗުގައި ބްރެޒިލްއިން ފުރަތަމަ ހާފްގައި 4 ލަނޑު ޖެހި އިރު ކޮންމެ ލަނޑެއް ޖެހުމަށް ފަހު ދަނޑުގެ އެއް ފަރާތަށް އަރާ ތިން ހަތަރު ކުޅުންތެރިން ވެގެން 'ސަމްބާ ޑާންސް' ނަށާތަން ފެނެއެވެ. އަދި ދެވަނަ ލަނޑު ޖެހުމަށް ފަހު ކޯޗު ޓީޓޭ އާއެކު ވެސް ނަށާތަން ވަނީ ފެނިގެން ގޮސްފައެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ކީނު ބުނީ ބަލަން އިނދެވުނީ ފުޓްބޯޅަ މެޗެއް ކަމެއް ނުވަތަ ނެށުމުގެ ޝޯއެއް ކަމެއް ހަނދާން ނެތުނު ކަމަށެވެ.
ކީން ބުނީ ފުރަތަމަ ލަނޑެއް ޖެހުމުން ގޮސް ދެތިން ކުޅުންތެރިން ނަގާ ހަދާލުމަކުން މައްސަލައެއް ނެތް ކަމަށާ، އެހެން ނަމަވެސް ކޮންމެ ލަނޑަކަށް ފަހު އެގޮަތަށް ކަންތައް ކުރުމަކީ އިދިކޮޅު ޓީމަށް ކުޑައިމީސް ކުރުން ކަމަށެވެ. އަދި މިއީ ބްރެޒިލް ފުޓްބޯޅައިގެ އާދަކާދަ ނަމަވެސް އިދިކޮޅު ޓީމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޓޯކް ސްޕޯޓް ޝޯގައި ވާހަކަ ދެއްކި ކުރީގެ ޗެލްސީ ކުޅުންތެރިޔާ ޖޭސަން ކުންޑީ ބުނީ ސައުތް ކޮރެއާ ކޮޅަށް ލަނޑު ޖަހާފައި ބްރެޒިލް ކުޅުންތެރިން ނެށުމަކީ ވޯލްޑްކަޕް މުބާރާތަކުން ފެނުނު އެންމެ ލަދުވެތި މަންޒަރު ކަމަށެވެ. އޭނާ ބުނީ ބްރެޒިލް އަށް ސައުތް ކޮރެއާ ފަސޭހައިން ބަލިކުރެވޭނެ ކަން އެނގޭ ކަމަށާ، މިގޮތަށް ކަން ކުރުމުން ފެނިގެން ދިޔައީ ބްރެޒިލް ކުޅުންތެރިންގެ ބޮޑާ ކަމާއި ކިނބުރުވެރިކަން ކަމަށެވެ.
އެހެން ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ މިއީ އަނެއް ޓީމަށް ކުޑައިމީސް ކުރަން ކުރި ކަމެއް ނޫން ކަމަށެވެ. ކުޅުންތެރިންގެ ނެށުމުގެ ހަމައެކަނި މާނައަކީ އުފާވެރިކަން ކަމަށާ، ޓީމުގެ ކުޅުމާ މެދު ކުޅުންތެރިން ހިތްހަމަޖެހޭ ކަން ދެއްކުމަށް ނެށި ނެށުންތަކެއް ކަމަށެވެ.
ބްރެޒިލް އަކީ އަބަދުވެސް ލަނޑު ޖެހުމަށް ފަހު ތަފާތު ގޮތް ގޮތަށް އުފާ ފާޅުކުރާ ޓީމެކެވެ. އެގައުމުގެ އާދަކާދަ ތަކާއި ސަގާފަތް ބައެއް ފަހަރު ކުޅުންތެރިންގެ ހަރަކާތް ތަކުން ފެންނަ އިރު ފަހަކަށް އައިސް އެހެން ޓީމުތަކުން މިފަދަ ގޮތް ގޮތަށް އުފާ ފާޅުކުރާތަން ފެނެއެވެ.