ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މައުލޫމާތު އެނގިވަޑައިގެން ހުންނަވާ ކަމާބެހޭ ފަރާތަށް އަންގަވާފައި ނުވާތީ، 15 އަހަރަށް ޖަލަށް ލައި ފަހުން މިނިވަން ވި، ސިއްކަ އަހްމަދު އިސްމާއީލް މަނިކު، 18 އަހަރު ވަންދެން ސްރީލަންކާގައި އަރުވާލެވިގެން ހުންނެވުމަށް ފަހު، މާލެ ވަޑައިގެންފިއެވެ.

"ބޮޑު ސިއްކަ" އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ބައްޕާފުޅެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ސިއްކަ އެނބުރި ވަޑައިގަތީ އޭނާގެ އަނބިކަނބަލުން އާލާސްކަންފުޅާ އުޅުއްވާތީއެވެ.

ބޮޑު ސިއްކަ ރާއްޖު ދޫކުރައްވައި ލަންކާ އަށް ވަޑައިގަތީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަފޫއާންމު ދެއްްވާފައި ހުއްޓާ، ދެހާހުގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވުމުން 2004 ވަނަ އަހަރު އެވެ.

ނޮވެމްބަރު 3 ގައި ދިން ހަމަލާގެ މައްސަލައިގައި ސިއްކަ އަހްމަދު އިސްމާއީލް މަނިކުގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ 3 އަހަރު ނުވަނީސް އޭނާއަށް އަފޫއާންމު ދެއްވައި މިނިވަން ކުރައްވާފައެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވިކަމަށް އޭނާ އިންކާރު ކުރެއްވި ނަމަވެސް ގިނަ ދިވެހިން އެކަން ގަބޫލެއް ނުކުރެއެވެ. އަދި އޭނާއަށް ފާޑުކިޔުންތައް އަމާޒުވެގެން ދެއެވެ.

މި އަހަރުގެ ނޮވެމްބަރު 3 ގައި ބޮޑުބޭބެ ދިފާއުކުރައްވައި ނަޝީދު ވަނީ، ސިއްކަ އަހްމަދު އިސްމާއީލް ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި ކަމަށް ވާހަކަ ދެއްކުމަކީ ސިއްކައިގެ އަބުރަށް އަރައިގަތުން ކަމަށް ސިފަކުރައްވާފައެވެ.

"އޭނާ އަށް އިންތިހާ އަށް އަނިޔާކޮށް މަރުގެ ތުންފަތްމައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް،" ނަޝީދު ވިދާޅުވިއެވެ.

ސިއްކަ އަހްމަދު އިސްމާއީލް މަނިކުގެ އިތުރުން، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި އަބްދުﷲ ލުތުފީ ވެސް ރާއްޖެ ގެނެސްފައި ވާއިރު، މިހާރު އޭނާ ދަނީ ޖަލު ހުކުުގެ ބާކީ ބައި ތަންފީޒު ކުރަމުންނެވެ.