ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ފޭޒުލް އިސްލާމް މަމުން އަތުން 10،000 ރުފިޔާ ފޭރުން އުޅުނު ކަމުގެ ތުހުމަތު ވި ފުލުހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ހަށި ވިއްކުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރު ކުރި ބަންގްލަދޭޝް މީހެއްގެ އަތުން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ފޭރުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ ގދ. ފިޔޯރީ ކެކުރި، އާސިމް ހަބީބު ކިޔާ ފުލުހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އެމްޑީ ފޭޒުލް އިސްލާމް މަމުން އޮކްޓޯބަރު 19 ،2019 ވަނަ ދުވަހުގެ ހަވީރު 5 ޖެހި އިރު ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މީހުން ހުއްޓުވާ ބަލާ ފާސް ކުރުމާއި ހައްޔަރު ކުރުމުގެ އިޖްރާއަތާ ހިލާފަށް އޭނާ ހައްޔަރު ކޮށްގެން އަތޮޅު ވެއްސަށް ގެންދިޔަ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ގާނޫނާ އެއްގޮތަށް ހައްޔަރު ކޮށްފައި ނެތްކަމަށް އެނގޭ ކަމަށާއި އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ބަންދުގައި ބަހައްޓާނެ ކަމަށް ބުނެ ބިރުދައްކައިގެން އޭނާގެ އަތުން އެ ފުލުސް މީހާ 10،000 ރުފިޔާ ފޭރުމަށް ފަހުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އިތުރު 20،000 ރުފިޔާ ދެއްކުމަށް ފަހު އެމްޑީ ފޭޒުލް އިސްލާމް މަމުން އަށް މަޖުބޫރު ކުރި ކަމަށާއި އިތުރު ފައިސާ ދޭން އޭނާ އެއްބަސްވުމުން އޭނާ ބަންދުން ދޫކޮށްލި ކަމަށާއި އެ ދުވަހުގެ ރޭ 10:30 ހާއިރު އެމްޑީ ފޭޒުލް އައިޖީއެމްއެޗް ހޮސްޕިޓަލް ކައިިރިން އޭނާގެ އަތުން އިތުރު 20،000 ރުރިޔާ އެ ފުލުސް މީހާ ފޭރެން އުޅެފައިވާ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލާގައި އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ ފުލުސް އާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.