ހޮލީވުޑްގެ ލޯބި ކަޕްލް ޓޮމް ހޮލޭންޑާއި ޒެންޑެޔާ އެންގޭޖްވި ހަބަރު ޒެންޑެޔާގެ މަންމަ ދޮގުކޮށްފިއެވެ.

ހޮލީވުޑްގައި މިވަގުތު ތިބި އެންމެ ވަރުގަދަ މި ދެތަރިން އެންގޭޖް ވެފައިވާ ކަމުގެ އަޑުތައް ފެތުރެން ފެށީ ސޯޝަލް މީޑިއާގެ ބޮޑެތި އެކައުންޓުތަކުން އެ ހަބަރު ފަތުރަން ފެށުމާއެކުގައެވެ. އެ އެކައުންޓުތަކުން ބުނީ ޓޮމް އާއި ޒެންޑެޔާ އެންގޭޖް ވެއްޖެ ކަމަށާއި އެމީހުން ބޭނުން ވަނީ އަވަހަށް ސެޓްލް ވެގެން ދިރިއުޅުމައިގެން ކުރިއަށް ދާން ކަމަށެވެ. އެތެރޭގެ މަސްދަރަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވެސް މި ވާހަކަ ރިޕޯޓްކުރި އިރު ޓޮމް އާއި ޒެންޑެޔާ އަށް ސަޕޯޓްކުރާ ގިނަ ތަރިން ތިބީ އުފަލުންނެވެ.

ނަމަވެސް އެދެތަރިން އެންގޭޖްވި ހަބަރު ޒެންޑެޔާގެ މަންމަ ވަނީ ދޮގުކޮށްފައެވެ. ޒެންޑެޔާ މަންމަ ބުނީ ކޮންޓެންޓް ހޯދުމުގެ މަގްސަދުގައި މީހުން ކޮންމެ ވާހަކައެއްވެސް ފަތުރަފާނެ ކަމަށާއި މީޑިއާތަކުގެ ހިޓު ގިނަ ކުރުމަށްވެސް މޮޅެތި ހެޑްލައިން ޖަހާ އުޅޭ ކަމަށެވެ.

އުމުރުން 26 އަހަރުގެ މި ދެތަރިން ލޯބީގެ ގޮތުން ގުޅުނީ "ސްޕައިޑަމޭން: ނޯވޭ ހޯމް" ގެ ސެޓުން ކަމަށް ބުނެއެވެ. 2016 ވަނަ އަހަރު ޝޫޓިން ފެށި މި ފިލްމުގެ ސެޓުން ދެމީހުން ދިމާވެ ވަރަށް ގާތް އެކުވެރިންނަށް ބަދަލުވެގެން ދިޔައެވެ. ފިލްމުގެ ޝޫޓިން އަށް ފަހު ދެތަރިން އެއްކޮށް ބައްދަލުކުރާ ތަން ޕަޕަރާޒީންގެ ކެމެރާތަކުގެ ލެންސަށް އަރާފައި ވާއިރު ޓޮމް އާއި ޒެންޑެޔާ ލޯބީގެ ގޮތުން ގުޅުނިގެން އުޅޭކަމަށް ރިޕޯޓު ކުރީ މިދިޔަ އަހަރުއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނު ހަބަރާއެކު ދެތަރިންގެ ފޭނުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ.