އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފްރާންސް ގަދަ 8 އަކަށް ދަތުރުކުރީ މިރޭ ދެވަނަ ބުރުގައި ޕޮލެންޑް 3-1 އިން ބަލިކުރުމަށް ފަހުއެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފްރާންސުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފޯވަޑް އޮލިވިޔޭ ޖިރޫއެވެ. މި ލަނޑާއެކު ޖިރޫ މިވަނީ ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ކުޅުންތެރިޔާއަށް ވެފައެވެ. ޖިރޫ މިހާރު ވަނީ ފްރާންސަށް 52 ލަނޑު ޖަހާ ދީފައެވެ.
0-1 ގެ ސްކޯލައިނެއްގައި ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ދެވަނަ ހާފްގައި ފްރާންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ހާއްސަކޮށް އެޓީމުގެ އަރިމަތިން ކުޅޭ ކިލިއަން މަމްބައްޕޭގެ ފަރާތުން ހިތް ގައިމު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ދެން ފްރާންސްއިން ޖެހި ދެލަނޑު ވެސް ކާމިޔާބުކޮށް ދިނީ އޭނާއެވެ.
މިގޮތުން ފުރަތަމަ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ޖެހި އިރު 23 އަހަރުގެ މަމްބާޕޭ ދެވަނަ ލަނޑު ޖެހީ މެޗުގެ 92 ވަނަ މިނެޓްގައެވެ. މިއީ އޭނާ ވޯލްޑްކަޕް މުބާރާތެއްގައި ޖެހި 9 ވަނަ ލަނޑަށް ވީ އިރު މި މުބާރާތުގައި އެކަނި ވެސް އޭނާ މިވަނީ 5 ލަނޑު ޖަހާފައެވެ.
މެޗު ނިމެން ދަނިކޮށް ޕޮލެންޑުން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް ރޮބާޓް ލެވެންޑޯސްކީގެ މިލަނޑު މެޗުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާދެއެވެ.
ފްރާންސް ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ އިންގްލޭންޑާ ސެނެގާލާގެ ތެރޭއިން މޮޅުވާ ބަޔަކާއެވެ. މި ދެޓީމުގެ މެޗު އޮތީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.