ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްއަށް ނެދަލޭންޑްސް ދަތުރުކޮށްފިއެވެ.
އެޓީމު ކުއާޓާއަށް ދިޔައީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެމެރިކާ 1-3 އިން ބަލިކޮށްގެންނެވެ.
މިމެޗުގައި ނެދެލޭންޑްސްގެ އަރިމަތިން ކުޅޭ ޑަމްފްރީޒްގެ ފަރާތުން ދެ އެސިސްޓަކާ ގޯލެއް ފެނިފައިވާ އިރު މެޗުގައި ލަނޑު ޖަހާ ލީޑު ނަގަން ފުރަތަމަ ފުރުސަތު ލިބުނީ އެމެރިކާއަށެވެ. މިގޮތުން ނެދެލޭންޑްސްގެ އޭރިއާ ތެރެއިން ކްރިސްޓިއަން ޕުލިސިކްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ޝޮޓް ޖެހީ ނެދެލޭންޑްސްގެ ކީޕަރާ ދިމާލަށެވެ.
އެއަށް ފަހު މާ ގިނަ އިރު ތަކެއް ނުވެ މެޗުގެ 10 ވަނަ މިނެޓްގައި ނެދެލޭންޑްސްއިން ލަނޑެއް ޖަހާ މެޗުގައި ލީޑު ނެގިއެވެ. ޑަމްފްރީޒްގެ ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެމްފިސް ޑިޕޭއެވެ.
މެޗުގެ 46 ވަނަ މިނެޓްގައި ނެދެލޭންޑްސްއިން އިތުރު ލަނޑެއް ޖެހިއެވެ. މިލަނޑަކީ ވެސް ޑަމްފްރީޒްގެ ހުރަހަކުން އެޓީމުން ޖެހި ލަނޑެކެވެ. މިލަނޑު ކާމިޔާބުކޮށް ދިނީ ޑެއިލީ ބްލިންޑެވެ.
ދެވަނަ ހާފްގައި އެމެރިކާއިން ކުޅުން ވަރުގަދަ ކުރި އިރު މެޗުގެ 76 ވަނަ މިނެޓްގައި އެޓީމުން ލަަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހާޖީ ރައިޓެެވެ.
އެހެން ނަމަވެސް އޭނގެ ކުޑަ އިރުކޮޅެއް ފަހު ނެދެލޭންޑްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. މިފަހަރު ލަނޑު ޖެހީ ޑަމްފްރީޒްއެވެ.
3-1 ގެ ސްކޯލައިނާއެކު މެޗު ނިމިގެން ދިޔަ އިރު އެމެރިކާ ކަޓައިގެން ދިޔައީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ނެދެލޭންޑްސް ކުއާޓާއަށް ދާ އިރު އެޓީމުން ގަދަ 8 އެއްގައި ކުޅެން ޖެހޭނީ މިރޭ އޮސްޓްރޭލިޔާ އަދި އާޖެންޓީނާ ކުޅޭ މެޗުން މޮޅުވާ ޓިމަކާއެވެ.