ވެރިކަން އެކުލަވާލަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަނީ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކަމަށް، ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މިހާރު ވެރިކަން ހިންގަވާ ގޮތުގައި ދެކޮޅު ނުޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ނިޒާމީ ވޯޓަކަށް ނުގޮސް ވެރިކަން ކުރުމަކީ ވެސް ހެދުނު ބޮޑު ގޯހެކެވެ.

"އަޅުގަނޑު މި ދަންނަވަނީ، ރައްޔިތުން ނިންމާ ގޮތަށް އެ ވެރިކަން އުފައްދާށޭ. މިހާރު މި އޮތީ ރައްޔިތުން ނިންމި ގޮތަށް ވެރިކަން އުފައްދާފައެއް ނޫން. މީގަ ވަރަށް ގިނަ ދެކޮޅު ނުޖެހުން އެބަހުރި. އެ ދެކޮޅު ނުޖެހުން އެންމެ ފަހުން ނަތީޖާ ކުރަނީ އަޅުގަނޑުމެންގެ ތަރައްގީ އަށް އެޅޭ ހުރެހެއްގެ ގޮތުގައި." ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން ނަޝީދާއި ރައީސް އެތައް ފަހަރެއްގެ މަތިން މަޝްވަރާކުރައްވާފައިވެއެވެ. އެކަމަށް އަލިއަޅުވާލައްވާ ނަޝީދު ވިދާޅުވީ، ސަރުކާރު އެކުލަވަން ޖެހޭނީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.

"މީކީއެއް ރައްޔިތުން ނިންމި ގޮތެއް ނޫން. ރައްޔިތުން ނިންމާ ގޮތަށް ސަރުކާރު އެކުލަވާލެވެން ޖެހޭނީ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވިން ރައީސް އޭ ވެރިކަން ފައްޓަވާފައި މިކަމަށް އިސްކަން ދެއްވުުމަށް އަޅުގަނޑު ވަރަށް އެދެމޭ. އެހެން ބުނެގެން އަޅުގަނޑު މި ހުންނަނީ."

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބު ތަކުރާރުކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި، ކޯލިޝަނަށް ވެރިކަން ލިބޭތާ ދޮޅު އަހަރު ދުވަހުގެތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި އޮންނާނެއެވެ.

"އެއީ ވަރަށް ބޮޑު ވައުދެއް. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވެވުނު ވައުދެއް. އެ ވޯޓަށް އަދި ނާހާ. އަޅުގަނޑަށް ފެންނަތަނުގައި ރައްޔިތުން ގާތުގައި އެވާހަކަ ނާހާ ދެން އިތުރު ވާޙަކަ އެއް އަހަން އުޅުމަކީ ބުުއްދިވެރި ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އެމްޑީޕީ އަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބުނީ އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުން ކަމަށާއި، އެގޮތުން ހުރިހާ ދާއިރާއަކަށް ސަރުކާރުން ވާދަނުކުރުމަށް އޭރު އޮތް ވިސްނުން އެމްޑީޕީން ބަދަލުކުރީ އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.

"އަޅުގަނޑަށް ފެނުނު ގޮތުގަ އެއީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑަށް ފެނުނީ ހުރިހާ ގޮނޑިއަކަށް އަޅުގަނޑުމެން ކުރިމަތިލާން." ނަޝީދު ވިދާޅުވިއެވެ.

ރައީސަށް ފާޑުވިދާޅުވެ ނަޝީދު ރޭ ވާހަކަފުޅު ދެއްކެވިއިރު، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާޞު ދެއްވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުގައި ނޫނީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެއެވެ.